ދުނިޔެ

ރަޝިޔާގެ ރޭލު ސްޓޭޝަނެއްގައި ބޮމެއް ގޮއްވާލައިފި


ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގްގެ ރޭލް ސްޓޭޝަނެއްގައި ދިން ބޮމުގެ ޙަމަލާއެއްގައި ދިހަ މީހުން މަރުވެ، ފަންސާހަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުން ބޮން ގޮއްވާލާފައިވަނީ ސްޓޭޝަނުގައި އެވަގުތު އޮތް ރޭލެއްގެ ތެރޭގައެވެ. ސެއިންޓް ޕީޓަރސްބަރގްގެ ރޭލް ސްޓޭޝަނެއްގައި ބޮމުގެ ޙަމަލާތަކެއް ދީފައިވާއިރު، ރަޝިއާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހުންނެވީ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ސެއިންޓް ޕީޓްސްބާރގްގައެވެ.

img:http://s1.psmnews.mv/images/660x400/14912305659938.jpg|ހާދިސާއަށްފަހު އަނިޔާވި މީހުންނަށް އެހީތެރިވުމަށް އޮފިޝަލުން ހަރަކާތްތެރިވަނީ

ޙަމަލާއަށްފަހު، ސެއިންޓް ޕީޓަރސްބަރގްގެ ފުލުހުން ވަނީ އެސިޓީގެ ހުރިހާ ރޭލް ސްޓޭޝަންތަކެއް ބަންދުކޮށްފައެވެ. އަދި އެސިޓީގެ ރޭލް ދަތުރުތަކާ ބެހޭ ވުޒާރާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކުއްލި ޙާލަތަކަށް އައިސްފައެވެ.

ދެހާސް ދިހަވަނަ އަހަރު ރަޝިއާގެ ވެރިރަށް މޮސްކޯގެ ރޭލް ސްޓޭޝަނަކަށް ދިން ޙަމަލާއެއްގައި ތިރީސް އަށް މީހުން ވަނީ މަރުވެފައެވެ.