ވިޔަފާރި

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވަރކްޝޮޕެއް ފަށައިފި


މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ޔުނައިޓެޑް ނޭޝަންސް ސްޓެޓިސްޓިކްސް ޑިވިޝަން ގުޅިގެން ކުރިއަށްގެންދަވާ، އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވަރކްޝޮޕް ފަށައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގައި ކުރިއަށްދާ މި ވަރކްޝޮޕް ފައްޓަވައިދެއްވީ، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝިއަން އާއިޝަތު ޝަހުދާއެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވަރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގައި އެކުލަވާލެވޭ ތަފާސްހިސާބުތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. މިގޮތުން ރާއްޖޭގެ ކަމާއިބެހޭ އިދާރާތަކުން ތައްޔާރުކުރާ ތަފާސްހިސާބާއި، އެތަފާސްހިސާބުތައް ދިރާސާކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި އެނޫންވެސް މަޢުލޫމާތު މި ވަރކްޝޮޕްގައި ޙިއްޞާކުރުމަށް ހަމަޖެހިފައިވެއެވެ.

އދ ގެ ތަފާސްހިސާބާބެހޭ އިދާރާއިން ނެރެފައިވާ ގައިޑުލައިނަކާ އެއްގޮތަށް ރާއްޖޭގައި ތަފާސްހިސާބުތައް އެކުލަވާލަން ފެށުމުން ތަފާސްހިސާބުތައް ބަލަހައްޓަވާ ސަރުކާރުގެ އިދާރާތަކަށާއި، ޓްރޭޑް ޑޭޓާ ދިރާސާކުރައްވާ ފަރާތްތަކަށް ވަރަށްބޮޑެތި ފަސޭހަކަމެއް ލިބިގެންދާނެއެވެ. މިގޮތުން މިކަމުގެ ސަބަބުން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ބެލެންސް އޮފް ޕޭމަންޓް ހެދުމަށްވެސް ފަސޭހަވެގެންދާނެއެވެ.

މި ވަރކްޝޮޕާ ބެހޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އޮފިސަރ ޢަލީ ޒުބައިރު ވިދާޅުވީ، މި ވަރކްޝޮޕްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ބޭނުންވާ ތަފާސްހިސާބުތައް ތައްޔާރުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭކަމަށެވެ.

މި ވަރކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވާހަކަދައްކަވަމުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ޗީފް ސްޓެޓިސްޓީޝިއަން، އާއިޝަތު ޝަހުދާ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ސްޕްރިޓެންޑެންޓް އަބުދުﷲ ވަޙީދު ވަނީ ތަފާސްހިސާބުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވަރކްޝޮޕްގައި ޖުމްލަ 21 ފަރާތަކުން ބައިވެރިވެއެވެ. މީގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ އިތުރުން އިންޑިއާ އަދި ދެކުނު އެފްރިކާގެ ތަފާސްހިސާބާ ބެހޭ އިދާރާ ހިމެނޭކަން ފާހަގަކޮސްލެވެއެވެ.