ސިޔާސީ

ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ބިރެއް ނުދައްކާ- ސަރުކާރު


ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ބިރުދައްކާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ސަރުކާރުން ވަނީ ވަރަށް ސާފުކޮށް އިންކާރުކުރައްވާފައެވެ. މިކަން ބަޔާންކުރައްވާ ސަރުކާރުންވަނީ ބަޔާނެއް ނެރުއްވާފައެވެ. މިބަޔާނުގައި ވަނީ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ބިރު ނުދައްކާކަމަށް ބަޔާންކުރެއްވުމުގެ އިތުރަށް ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ރާއްވަވާފައިވާ މަޝްވަރާތަކުގައި ބައިވެރިވުމަށް، އިދިކޮޅު ފަރާތްތަކުގެ ކިބައިން އަނެއްކާވެސް އެދިވަޑައިގެންފައެވެ.

މި ބަޔާނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ނެންގެވި ވޯޓުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްނުވާކަން ފާހަގަކުރައްވާފައިވެއެވެ. ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި އެދުވަހު ބޭއްވެވި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވުމަށް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅުމުގެ ގޮތުން، މަޖިލީހުގެ ރިޔާސަތުގައި އެދުވަހު އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ޖިސްމާނީ ގޮތުން ހުރަސް އެޅުންފަދަ ޢަމަލުތައް ކުރުމުގެ ސަބަބުން، އެދުވަހު ވޯޓު ނެގުން  އެތައް ފަހަރެއްގެ މަތިން ލަސްކުރައްވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ހަމަނުޖެހުން ހިންގި މެންބަރުންގެ ނަންތައް އިއްވަވައި، މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ ވޯޓު ނެގުމަށްޓަކައި، މަޖިލީހުގެ މާލަމުން އެބޭފުޅުން ބޭރުކުރުމަށްފަހު، މިމައްސަލައިގެ ވޯޓްލުން ކުރިއަށް ގެންދެވީ މަޖިލިސްތެރެއަށް އަލުން ހަމަޖެހުން ގެނައުމަށްފަހުގައިކަމަށް މި ބަޔާނުގައިވެއެވެ.

އެ ދުވަހުން ފެށިގެން، އިދިކޮޅު ފަރާތްތަކުންދަނީ ސަރުކާރުން އެފަރާތްތަކަށް ބިރު ދައްކާކަމުގެ ތުހުމަތުތަކެއް ކުރަމުންނެވެ. ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތުތައް ބިނާކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ދެކޮޅަށް ކުރެވެމުންދާ ތަޙްޤީޤުތަކެއްގެ މައްޗަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިފަދައިން ބުނިނަމަވެސް، ރާއްޖޭގެ ޝަރުޢީ ނިޒާމާއި، ފުލުހުންގެ މުއައްސަސާއަކީ، ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ، އަދި ސިޔާސީ ގޮތުންވެސް ބާރު ނުފޯރުވޭނެ މުއައްސަސާތަކެއްކަން ސަރުކާރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މެންބަރުންނާ ދެކޮޅަށް ތަޙްޤީޤުކުރެވެމުންދާ މައްސަލަތަކަކީ ޤާނޫނީ ހެކިތަކެއްގެ މައްޗަށް އެކުލެވޭ މައްސަލަތަކެއްކަމުން، އެ މައްސަލަތައް ތަހްޤީޤު ކުރެއްވުމަކީ ފުލުހުންގެ ޒިންމާއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޕީ.ޕީ.އެމްގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޕާޓީގެ ނަމުގައި ވާހަކަފުޅު ދެއްކެވުމަށް ފުލުހުން ހުރަސް އަޅާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަކީ ތެދު ވާހަކައެއްކަމަށާއި، ރައީސް މައުމޫނަކީ މިހާރު ޕީ.ޕީ.އެމް. ގެ މެންބަރެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ޤާނޫނީ އަދި އިދާރީ ގޮތުންވެސް ކަން އޮތީ މިހެން ކަމަށްވުމުން އެމަނިކުފާނަށް މިހާރު ޕީ.ޕީ.އެމް ގެ ފަރާތުން ބަސް ވިދާޅުނުވެވޭނެކަމަށް ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ކަން އޮތްގޮތް ސާފުކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުވި ބަޔާނުގައިވެއެވެ.

މި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި، ދިވެހި ރައްޔިތުންނާއި، ޑިމޮކްރެސީއާއި، ޤައުމުގެ މުއައްސަސާތައް ޒިންމާދާރު ކަމާއެކު ތަމްސީލުކުރާ ކަމުގައި ހަމައެކަނި ބުނުމުގެ ބަދަލުގައި، އެކަމުގައި ޒިންމާދާރު ކަމާއެކު ޙަރަކާތްތެރިވުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން އިލްތިމާސްކުރައްވާކަމަށެވެ. އަދި ސަރުކާރު ޒިންމާދާރުކުރުވައި އިދިކޮޅު ފަރާތްތަކަށް ސަރުކާރުން މަރުޙަބާ ވިދާޅުވާކަމަށާއި، އެއީ ޑިމޮކްރެސީގެ މުހިންމު އެއް ތަނބުކަމުގައި ތަރުޖަމާނު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ސަރުކާރު ޒިންމާދާރު ކުރުމުގެ ބަދަލުގައި ދެއްކުންތެރިކަމަށާއި، ބައިނަލްއަޤްވާމީ މީޑިޔާގެ ސަމާލުކަން ހޯދުމަށް އިދިކޮޅު ފަރާތްތަކުން މާ ބޮޑަށް ޝައުގުވެރިވާކަމަށް ފާހަގަކުރެވޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ޙުސައިން ޝިހާބު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ ސިޔާސަތުތަކާއި، ޤަނޫނުތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކާމެދު ހަގީގަތާ ޚިލާފު ވާހަކަތައް، ރައްޔިތުންނަށް ގެއްލުންވާ މިންވަރަށް ބައިނަލްއަޤަވާމީ މުޖުތަމައުގައި ފެތުރެމުންދަކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ޤާނޫނީ އިމުގެ ބޭރުން ކަންކަން ކުރައްވާފައިވީނަމަވެސް ޤާނޫނީ ގޮތުން ލިބިދީފައިވާ ބާރުގެ ބޭރުން އެއްވެސް ކަމެއް މިސަރުކާރުން ނުކުރައްވާނެ ކަމަށާއި، ފުލުހުންނާއި ޝަރުޢީ ކޯޓްތަކުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިޙާބު ވިދާޅުވިއެވެ.

ސަރުކާރުން ސިޔާސީ ޕާޓީގެ މަސްވަރާއަށް ގޮވާލެއްވީ އިޚްލާސްތެރިކަމާއެކުގައި ކަމަށާއި، އެއްވެސް ޝަރުތަކާ ނުލައި އިދިކޮޅު ސިޔާސީ ފަރާތްތަކުން މަޝްވަރާތަކުގައި ބައިވެރިވެ، ޕާޓީތަކުގެ ހުރި ކަންބޮޑުވުންތައް ސަރުކާރާ ޙިއްޞާކުރުމަށް ސަރުކާރުން ވަނީ އެދިވަޑައިގެންފައެވެ.

tw:https://twitter.com/IntSpkMV/status/848481178860478465