ކުޅިވަރު

ޤައުމީ ޓީމަށް ދޭވަރުގެ ސަޕޯޓެއް މާޒިޔާއަށްވެސް ބޭނުން - ކޯޗު


ޤައުމީ ޓީމަށް ސަޕޯޓް ކުރާ ފަދައިން މާޒިޔާއަށްވެސް ސަޕޯޓް ބޭނުންވާކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުނެފިއެވެ. އޭއެފްސީ ކަޕްގައި އަންނަ އަންގާރަ ދުވަހު އިންޑިޔާގެ ބެންގަލޫރު އެފްސީއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކޯޗު ބުނީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ރާއްޖެއާއި ފަލަސްތީން ވާދަކުރި މެޗްގައި ގަލޮޅު ދަނޑުން ފެނުނީ ވަރަށް އުފާވެރި މަންޒަރެއްކަމަށެވެ. 

ފަލަސްތީން މެޗުގައި ސަޕޯޓަރުން ޓީމަށް އެދިން ތަރުހީބަކީ ޤައުމީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށާއި، އެތަރުހީބު މާޒިޔާއަށްވެސް ބޭނުންވާކަމަށް ކޯޗު ބުންޏެވެ. އޭއެފްސީ ކަޕަކީ ކުލަބް މުބާރާތެއްކަމަށް ނަމަވެސް، މުބާރާތުގައި މާޒިޔާ ނިކުންނީ ދިވެހިރާއްޖޭގެ ނަންވެސް ފަޚުރުވެރި ކުރަންކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުންޏެވެ. ޓީމް ބަލިވަމުން އަންނައިރު ސަޕޯޓަރުންގެ އެހީއަކީ އަބަދުވެސް ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއްކަން ކޯޗު ފާހަގަކުރިއެވެ.

"އަހަރެން ބޭނުމެއް ނޫން ކުރިން އޭއެފްސީ ކަޕްގައި މާޒިޔާއިން އިންޑިޔާ ޓީމްތަކާ ދެކޮޅަށް ކުޅެފައިވާ މެޗުތަކުގެ ނަތީޖާއަށް ބަލާކަށް. އެއީ މިހާރު ކުޅެފައިވާ މެޗުތައް. މިހާރު ވިސްނަންވީ އަންނަ އަންގާރާ ދުވަހު ކުޅޭ މެޗަށް. ކޮންމެ ގޮތަކަށް ބެލިނަމަވެސް ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެކަމަށް ދެބަސްވެވޭކަށްވެސް ނެތް. މާޒިޔާ ޓީމެއްގެ ގޮތުގައި ކުޅެފިނަމަ، ބެންގަލޫރު އެފްސީއަށްވެސް މާޒިޔާ ބަލިކުރަން އުނދަގޫވާނެ. އަހަރެން ވަރަށް ބޭނުން ސްޕޯޓަރުން ވަދެ ޓީމަށް އިތުރު ހިތްވަރެއްދޭން. މެޗުގެ ޖަތީޖާ ނެރުމަށް ސަޕޯޓަރުންނަށް ވަރަށް ބޮޑު ރޯލްއެއް ކުޅެވޭނެ." މާޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުންޏެވެ.

އިދިކޮޅު ޓީމާ ގުޅޭގޮތުން ކޯޗު ބުނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ފައިނަލްގައި ބަންގަލޫރު އެފްސީ ކުޅެފައިވުމަކީ އެޓީމްގެ ވަރުގަދަކަން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ. އެފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނިކުންނައިރު މެޗު ނިމެންދެންވެސް ބަންގަލޫރު އެފްސީގެ ކުޅުތެރިންނަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެކަމަށާއި އެސަޕޯޓް ދިނުމުގައި ސަޕޯޓަރުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް މާޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުންޏެވެ.