ދުނިޔެ

ދެކުނު ކޮރެޔާގެ އާގު ބޯޓު އަޑިއަށް ދިޔަކަމަށް ބެލެވެން ފަށައިފި


ގެއްލިގެން ހޯދަމުންދާ، ދެކުނު ކޮރެޔާގެ އާގު ބޯޓު އަޑިއަށް ގޮސްފައިވާކަމަށް ބެލެވެން ފަށައިފިއެވެ. 

24 މީހުންނާއެކު ބްރެޒިލުން ފުރައިގެން ޗައިނާއަށް ދަތުރުކުރަމުންދަނިކޮށް "ސްޓެލަރ ޑެއިޒީ" ނަމަކަށް ކިޔާ އާގު ބޯޓުން އިމަޖެންސީ ސިގްނަލެއް ފޮނުވުމާއި ގުޅިގެން، އެބޯޓު ހޯދަން ފަށާފައިވަނީ މިދިޔަ ހޮނިހިރުދުވަހުއެވެ. 

މިބޯޓު ގެއްލުނުކަމަށް ލަފާ ކުރެވެނީ އުރުގުއޭގެ 2500 ކިލޯމީޓަރު ބޭރުން ސައުތް އެޓްލާންޓިކް ކަނޑުގެ ހިސާބަކަށެވެ.  

ބޯޓުގެ ސިގްނަލް އެންމެފަހުން ލިބުނު ސަރަހައްދު ބަލަމުންދާ ފަރާތްތަކުން ބުނީ ބޯޓު ގެއްލުނުކަމަށް ލަފާކުރާ ހިސާބުން ތެޔޮ ވަސް ދުވާއިރު، ބޯޓުގެ ބައިތައް އެސަރަޙައްދުން ފެނިފައިވާކަމަށެވެ. އެހެންކަމުން ދުއިސައްތަ ފަސްދޮޅަސް ހާސް ޓަނުގެ މިބޯޓު އަޑިއަށް ގޮސްފައިވާކަމަށް ބެލެވޭކަމަށް ޙަބަރުތައް ބުނެއެވެ. 

img:http://s3.psmnews.mv/images/660x400/14911375424767.jpg|ގެއްލިގެން ހޯދަމުންދާ ދެކުނު ކޮރެޔާގެ އާގު ބޯޓު / މިބޯޓު ގެއްލިފައިވަނީ ސައުތް އެޓްލާންޓިކް ކަނޑަށް

ބޯޓު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންނަށް ލައިފް ކްރާފްޓެއްގައި ފިލިޕީންސްގެ 2 މީހަކު ސަލާމަތުން އޮއްވާ ފެނިފައިވާއިރު، އެސަރަޙައްދުން ފެނުނު އެހެން ލައިފް ކްރާފްޓްތަކުގައި މީހަކު ނެތްކަމަށް ޚަބަރުތައް ބުނެއެވެ. މިބޯޓުގައި ފިލިޕީންސްގެ 16 މީހަކާއި ދެކުނު ކޮރެޔާގެ 8 މީހަކު މަސައްކަތްކުރަމުންދިޔަކަމަށް ޙަބަރުތައް ބުނެއެވެ. 

ބޯޓުގައި ބާކީ ތިބި 22 މީހުންނާއި ބޯޓުގެ ހޯދުމުގެ މަސައްކަތް ދެކުނު ކޮރެޔާއިން ފަށާފައިވާއިރު، ބްރެޒިލާއި އުރުގުއޭއިން މިކަމުގައި އެހީތެރިވަމުންދާކަމަށްވެސް ޙަބަރުތައް ބުނެއެވެ. 

މިބޯޓުގައި ހުރި މީހަކު އެންމެފަހުން ފޮނުވި މެސެޖެއްގައި ބޯޓު ދިޔަވެ، ބޯޓު ވަރަށް ބޮޑަށް އަރިއަޅާލާފައިވާކަމަށް ބުނެފައިވެއެވެ. 

ސްޓެލަރ ޑެއިޒީ ނަމަކަށް ކިޔާ މި އާގު ބޯޓަކީ ދެކުނު ކޮރެޔާގެ ކުންފުންޏަކުން ދުއްވާ ބޯޓެކެވެ. ބޯޓު ގެއްލުނުއިރު ދަތުރުކުރަމުންދިޔައީ ދަގަނޑުގެ ބާވަތްތަކެއް ހިފައިގެންކަމަށް ޚަބަރުތައް ބުނެއެވެ.