ވިޔަފާރި

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


މިއަހަރުގެ ޖޫންމަހު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބާއްވާ ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ ނުވަތަ ކުންމިންގ ފެއަރގައި ރާއްޖެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމެންޓުގެ ސްޕެޝަލިސްޓް އަހުމަދު މުމްތާޒު ވިދާޅުވީ މިފެއަރގައި ދިވެހި އުފެއްދުންތައް ބައިވެރިކޮށް، ދެއްކުމާއި، ވިއްކުމާއި، ދިވެހި އުފެއްދުންތަކަށް މާކޭޓް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފެއަރގެ ކަންޓްރީ އޮފް އޮނަރ ގެ މަޤާމް ރާއްޖެއަށް ލިބިފައިވުމުން، ފެއަރގައި ރާއްޖޭގެ އުފެއްދުންތައް ދެއްކުމަށް ބޮޑު ޖާގައެއް ލިބިފައިވާކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ. 

މިއަހަރުގެ ފެއަރގައި ދިވެހި އުފެއްދުންތަކަށް މާރކެޓު ހޯދުމަށް ދިވެހި ވިޔަފާރިވެރިން މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މުމްތާޒް ވިދާޅުވީ ސްޓޯލްއަށް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި އެހެން ނަމަވެސް ޓިކެޓާއި ހުރުން ހަމަޖައްސަން ޖެހޭނީ ބައިވެރިން އަމިއްލައަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކުންމިންގ ފެއަރގައި ރާއްޖެއިން ބައިވެރިވުމުގެ އެންމެބޮޑު ބޭނުމަކީ، ޗައިނާގެ ވިޔަފާރިވެރިންނާ، ގުޅުން ބަދަހިކޮށް ދިވެހި އުފެއްދުންތަކަށް މިހާރަށްވުރެ ބޮޑު ތަރުޙީބެއް ބޭރުޤައުމުތަކުގެ މާކެޓްތަކުން ހޯދުމުގެ މަގު ތަނަވަސްކޮށްދިނުންކަމަށެވެ.

މި ފެއަރއަކީ، ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ސައުތު އޭޝިޔާގެ ގިނަ ޤައުމުތަކުގެ އުފެއްދުންތައްވެސް ފެނިގެންދާ ފެއަރއެކެވެ.

މިއަހަރުގެ ކުންމިންގ ފެއަރ އޮންނާނީ މިއަހަރުގެ ޖޫންމަހުގެ ބާރައިން އަށާރައަށް ޗައިނާގެ ކުންމިންގގައެވެ. އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ތެރެއިން މިފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަމަހުގެ ސޯޅައިގެން ކުރިން އެ މިނިސްޓްރީއަށް ފޯމް ހުށަހަޅަންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ އަހަރުގެ ކުންމިންގ ފެއަރގައި ހަތްދިހަ ފަސް ޤައުމަކުން ހަހާހަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވިއެވެ.