ވިޔަފާރި

ގެޓްސެޓް - މިއަހަރު 25 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް !


މިއަހަރުގެ ގެޓްސެޓް ޕްރޮގްރާމަކީ ޖުމްލަ 25 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިއަދު އެމިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެޓްސެޓު ޕްރޮގްރާމްގެ މެނޭޖަރ މަހީލް ޢަލީ ޖަލީލް ވިދާޅުވީ 25 މިލިއަން ރުފިޔާގެ މި ލޯން ޕްރޮގްރާމުގެ ބައިވެރިންނަށް -/300،000ރ އާއި -/800،000ރ ރުފިޔާއާއި ދެމެދުގެ ލޯނުތައް ދޫކުރުމަށް ނިންމަވާފައިވާކަމަށެވެ.

ޒުވާން ވިޔަފާރިވެރިން އުފެއްދެވުމަށް ސަރުކާރުން ފަށްޓަވާފައިވާ ގެޓްސެޓް ލޯނު ޕްރޮގްރާމުގެ 2 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލައްވާފައިވާއިރު ފޯމު ބަލައިގަތުން އޮންނާނީ އޭޕްރިލް މަހުގެ ސޯޅަ އިން ފެށިގެން ހަތާވީހުގެ ނިޔަލަށެވެ. މަހީލު ވިދާޅުވީ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަވުމަށްފަހު، ފޯމްތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އިވެލުއޭޝަންގައި އެންމެ މަތިން މާރކްސް ލިބޭ ފަރާތްތަކަށް އިންޓަރވިއުކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބޭ ފަރާތްތަކާއި ލޯނު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/4294.jpg|ގެޓްސެޓް ލޯނު މިދިޔަ އަހަރު ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން- ފައިލް ފޮޓޯ: ޕީއެސްއެމް

މަހީލް ފާހަގަކުރެއްވި ގޮތުގައި ގެޓްސެޓް ލޯން ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު ފަރާތްތަކުގެ ތެރެއިން ނުވަދިހަ އިންސައްތަ ފަރާތުން މިހާރު ވިޔަފާރިތައް ހިންގަމުން އަންނަ ކަމަށެވެ. އެހެންކަމުން ގެޓްސެޓުގެ ފުރަތަމަ ފަހަރު ވަރަށް ކާމިޔާބުކަމަށްވެސް މަހީލް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެޕްލިކޭޝަން ފޯމުގެ ސޮފްޓް ކޮޕީ އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އެޕްލިކޭޝަން ފޯމުގެ ހާރޑްކޮޕީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ މިނިސްޓްރީގެ އޮފީހުންނާއި، އެ މިނިސްޓްރީން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި އެ ފޯމުގައި ބަޔާންކޮށްފައިވާނެ ކަމަށާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަޔަށް ހުށަހަޅުއްވާފައި ނެތްނަމަ ފޯމް ބަލައިނުގަނެވޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ގެޓްސެޓު ލޯން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ 2015 ވަނަ އަހަރުއެވެ. އެބުރުގައި 72 ޒުވާނުންނަށް ވަނީ ލޯނު ޙަވާލުކޮށްފައެވެ. ގެޓްސެޓް ލޯނުގެ ފުރަތަމަ ބުރަށް 500 އަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ އިރު، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ޝޯޓް ލިސްޓް ކޮށްފައިވަނީ 285 ފަރާތެކެވެ. އަދި ޝޯޓް ލިސްޓް ކުރެވުނު ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު ލޯނަށް ހޮވިފައިވަނީ އެންމެ މަތިން މާކްސް ހޯދި ފަރާތްތަކެވެ.