ކުޅިވަރު

ރިޝްފާން އިތުރު ތަމްރީނަށް ސާރބިއާއަށް ފުރައިފި


ކިންގްސް ބާސްކެޓްބޯޅަ ކްލަބްގެ ޒުވާން ކުޅުންތެރިޔާ ރިޝްފާން ރަޝީދު އިތުރު ތަމްރީން ހެދުމަށް ސާރބިއާއަށް ފުރައިފިއެވެ.

1 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޓްރޭނިންގ އަށް ރިޝްފާން ރަޝީދު މިރޭ ފުރާފައިވާއިރު މި ޓްރޭނިންގެ ހުރިހާ ޙަރަދެއް ހަމަޖައްސާފައިވަނީ ކިންގް ބާސްކެޓްބޯޅަ ކްލަބުންނެވެ. މިރޭ ސާރބިއާއަށް ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯރޓްސްއާ ވާހަކަ ދައްކަމުން ރިޝްފާން ބުނީ މި ޓްރޭނިންގ އަކީ ކުރީގެ ޤައުމީ ކޯޗް މާކޯ މިޕްލޮވިޗް ހޯދައިދިން ފުރުޞަތެއް ކަމަށާ މި ޓްރޭނިންގ ކުރިއަށްދާނީ އޭނާގެ ބެލުމުގެ ދަށުން ސާރބިއާގެ އެކަޑަމީއެއްގައި ކަމަށެވެ. އުމުރުން 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ ބުނީ މި ލިބުނު ފުރުޞަތަކީ ބާސްކެޓްގައި ކުރިއަށްދާން ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށާ އަދި ކެރުއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ފުރުޞަތަކުގައި ކްލަބްގެ މެނޭޖްމަންޓަށާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ރިޝްފާން ބުންޏެވެ. 

"މި ފުރުޞަތުގައި ކިންގް ބާސްކެޓްބޯޅަ ކްލަބްގެ މެނޭޖްމަންޓަށާ ކުޅުންތެރިންނަށް އަދި މި ފުރުޞަތު ހޯދައިދިނުމަށް އެހީތެރިވި ހުރިހާ ފަރާތްތްތަކަށް ވަރަށް ބޮޑޮށް ޝުކުރުވެރިވަން. މިއީ ކެރިއަރުގައި ކުރިއަށް ދިއުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުޞަތެއް. މި ފުރުޞަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފޭތޯ މަސައްކަތް ކުރާނަން" ރިޝްފާން ބުންޏެވެ.