ޚަބަރު

"އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ 2015 ކުދިން އެބަތިބި"


މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ސްކޫލެއްގައި އިންކްލޫސިވް އެންބެސެޑަރެއް ބެހެއްޓުމާއެކު، ކޮންމެ ސްކޫލެއްގައި އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމް ފެށްޓެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމް އަށް ހޭލުންތެރި ކުރުމުގެ ދުވަހާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ, އެމިނިސްޓްރީގެ އުއްމީދަކީ ޚާއްޞަ އެހީއަށް ބޭނުންވާ ހުރިހާ ދަރިވަރުންނަކީ އެ ކުދިންގެ މައިންބަފައިންގެ އުއްމީދުތައް ޙާޞިލްކޮށްދެވޭނެ، އަދި އެ ދަރިވަރުންގެ ފަރުދީ ބޭނުންތައް ފުއްދޭނެ ފަދަ ތަޢުލީމީ ޤާބިލް، ކުދިން ތަކަކަށް ހެއްދެވުންކަމަށެވެ. އެގޮތުން އެ ކުއްޖެއްގެ ހުނަރާއި ގުޅޭ ރޮނގުތަކުން ވަޒީފާގެ ފުރުޞަތަށް ފަހިވާ މަގުން ތަމްރީންތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންގެދަވާކަމަށް ވިދާޅުވިއެވެ. އަދި މި އުއްމީދު ޙާޞިލްކޮށް ދިނުމަށް އަދުގެ ސަރުކާރުން ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަޤީންކަށް ދަރިވަރުންނާއި ބެލެނިވެރިނަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޝިހާމް ދެއްވާކަމަށް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14911420790353.jpg|އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް، އަމީނިއްޔާ ސްކޫލްގެ ސެން ކްލާހުގައި ކިޔަވަމުންދާ ދަރިވަރަކާއެކު / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޯޓިސްޓިކް ދަރިވަރުންނަށް އަމާޒުކުރައްވައިގެން ރާއްޖޭގެ 193 ސްކޫލެއްގައި އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމްތައް ގެންދަނީ ހިންގަވަމުންނެވެ. އަދި މާލެއާއި އަތޮޅުތަކުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ތިން ސްޕެޝަލައިޒްޑް ސެންޓަރެއް ވަނީ ހުޅުވާފައެވެ. މީގެ އިތުރުންވެސް 39 ސްކޫލެއްގައި އިންކްލޫސިވް ޔުނިޓްތައް ހެދި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށް ދެއްވަމުންނެވެ.

އިންޓަރނޭޝަނަލް ރިސާޗްތަކުން ދައްކާގޮތުން ކޮންމެ 68 ކުއްޖަކުން އެއްކުއްޖަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސޯޑަރ "އޭ.އެސް.ޑީ" ހުންނަ ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވޭ ކުއްޖެކެވެ.

ރާއްޖޭގެ ކިޔަވާ ކުދިންގެ ތެރެއިން "ސެން" ކުދިންގެ ގޮތުގައި ފާހަގަކުރެވޭ ދެހާސް ފަނަރަ ދަރިވަރަކު ސްކޫލްތަކުގައި ތަޢުލީމް ޙާޞިލްކުރަމުން ގެންދެއެވެ. މި ކުދިންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ދަރިވަރުންނަކީ އޭ.އެސް.ޑީ ހުންނަ ދަރިވަރުންނެވެ. މި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމަކީ، އެކުދިންގެ ފަރުދީ އަދި ޢިލްމީ ބޭނުންތައް ޙާޞިލްކުރެވޭ ގޮތަށް ރިޢާޔަތްކުރެވިގެން ފޯރުކޮށްދެވޭ ތަޢުލީމަކަށް ހެދުމަށްޓަކައި، މުދައްރިސުންގެ ތަމްރީން ޕްރޮގްރާމްތައް މިކަމަށް ޙާއްސަކޮށް ވަނީ ފަރުމާ ކުރެވިފައެވެ.

img:http://s3.psmnews.mv/images/660x400/14911420955203.jpg|އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް، އަމީނިއްޔާ ސްކޫލްގެ ސެން ކްލާހުގައި ކިޔަވަމުންދާ ދަރިވަރުންނާއެކު / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތަޢުލީމީ ނިޒާމްގެ ތެރޭގައި މަސައްކަތްކުރާ ކޮންމެ މުދައްރިސަކީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައި ދިނުމުގައި ބޭނުންވާ މަޢުލޫމާތާއި ހުނަރުހުރި ޤާބިލް މުދައްރިސަކަށް ހެދުމުގެ ގޮތުން ޓީޗަރުން ތަމްރީންކުރުމުގައި ކަނޑައެޅިފައިވާ، މުދައްރިސުންނަށް އުނގަންނައިދޭ ބައިތަކުގެ ތެރޭގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމާއި ބެހޭ މޮޑިއުލްތައް ވަނީ ހިމެނިފައެވެ. މީގެ އިތުރުން ވަކިން ޚާއްޞަކޮށް ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައި ދިނުމުގައި މަސައްކަތްކުރައްވާ މުދައްރިސުން ތަމްރީން ކުރުން ދެހާސް ސާދަ ވަނައަހަރުން ފެށިގެން ގިނަގުނަ ތަމްރީން ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން "އެން.އައި.އީ" ގެ ސީދާ ބެއްލެވުމުގެ ދަށުން ކާމިޔާބުކަމާއެކުވަނީ ކުރިއަށް ގެންދެވިފެއެވެ.