ކުޅިވަރު

ގދ.ތިނަދޫ ފުޓްބޯޅަ ޓީމަށް ސްޕެއިންގެ ކޯޗެއް


މިނިވަން ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގދ.ތިނަދޫ ފުޓްބޯޅަ ޓީމަށް އިރުޝާދުދޭނެ ސްޕެއިންގެ ކޯޗެއް ގެނެސްފިއެވެ.

މީގެ ކުރިން ސައުދީއަރަބިއާ، އިނގިރޭސިވިލާތް ސްޕެއިން، ދުބާއީފަދަ ޤައުމުތަކުގެ ކްލަބްތަކަށް އިރުޝާދު ދީފައިވާ ސްޕެއިންގެ އަލްވޭސް ސަންޗޭޒް މިގުއެލް ތިނަދޫ ޓީމަށް ސޮއިކުރީ އެއްހަރު ދުވަހުގެ މުއްދަތަކަށެެވެ. ތިނަދޫ ސްޕޯޓްސް ކްލަބްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަޙްމަދު ވިދާޅުވީ މިނިވަން ޗެމްޕިއަންޝިޕަށް ފަހުވެސް ކޯޗް އަލްވޭސް ތިނަދޫގައި ވަރަށް ބައިވަރު ޕްރޮގްރާމްތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އޭގެތެރެއިންވެސް އެންމެ ޚާއްސަ ކަމަކަށް އޮންނާނީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ކުރިޔަށް ގެންދިއުން ކަމަށެވެ. މީ ތިނަދޫ ފުޓްބޯޅައިގެ މުސްތަޤްބަލަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ރާވާފައިވާ ޕްރޮގްރާމެއް ކަމަށް ޢަބްދުﷲ އަޙްމަދު ވިދާޅުވިއެވެ.

" އަޅުގަނޑުމެން މި ނުކުތީ ތިނަދޫގެ ޒުވާނުންނަށް ފަހު ފުރުޞަތުތަކެއް ހޯދައިދިނުމަށް. އަޅުގަނޑުމެން ޔޫތު ސްޕޯޓްސް ކްލަބުން މިއަދު މި މަސައްކަތް މިފެށީ ތިނަދޫގައި ވަޅުޖެހިފައިވާ ފުޓްބޯޅަ އަލުން އިޔާދަ ކޮށް ތާރިޚްގެ ތެރެއަށް ވެެއްދުމަށްޓަކައި. އެފޯރި ތިނަދޫގައި އިތުރަށް ވަރުގަދަ ކުރުމަށް. ތިނަދުއަކީ ފުޓްބޯޅައިގެ ވަރުގަދަ ތާރީޚެއް އޮތް ރަށެއް. 1998، 1999، 2000، 2001ވަނަ އަހަރު ތިނަދޫވަނީ ޒޯން ޗެމްޕިއަންކަން ހީދާފަ. މިކަންކަމުންވެސް ފުޓްބޯޅައިގައި ތިނަދުއަކީ ވަރުގަދަ ރަށެއްކަން އެނގެން އެބައޮތް. އިރާދަ ކުރެއްވިއްޔާ އޭރު ތިނަދޫގައި އޮތް ފޯރި އަލުން އަނބުރާ ގެންނާނަން. ޔޫތު ސްޕޯތްސް ކްލަބުން މިފެށީ އެ މަސައްކަތް. " ކްލަބްގެ ރައީސް ޢަބްދުﷲ އަޙްމަދު ވިދާޅުވިއެވެ.

ތިނަދޫ ޓީމަށް އައްޔަންކުރި ސްޕެއިންގެ ކޯޗް އަލްވޭސް ސަންޗޭޒްބުނީ ކުރިމަތި މިލަނީ ވަރަށް ގިނަ ތަފާތު މަސައްކަތްތަކެއް އެއްފަހަރާ ކުރުމަށް ކަމަށެެވެ. މުޅިން އާ ތަޖުރިބާއެއް ކުރުމަށް ކަމަށެވެ. ވަރަށް ބައިވަރު އަމާޒްތަކެއް ކަނޑައަޅައިގެން އެކަން ޙާސިލް ކުރުމަށް ކަމަށެެވެ. ފުރަތަމަ ޓާގެޓަކީ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުން ކަމަށް ކޯޗް އަލްވޭސް ބުންޏެވެ. ހަމައެކާއެކު ތިނަދޫގެ ހުނަރުވެރި ކުޅުންތެރިންނާއެކު ބިދޭސީ ކުޅުންތެރިންތަކެއްވެސް ޓީމަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަން ކޯޗް ފާހަގަކުރިއެވެ. އެކަމުގައި ޓީމްގެ މެނޭޖްމަންޓުން ލިބެމުން އަންނަ އެއްބާރުލުންވެސް ކޯޗް އަލްވޭސް ފާހަގަ ކުރިއެވެ.

ތިނަދޫ ސްޕޯޓްސް ކްލަބްގެ ރައީސް ޢަބްދުﷲ އަޙްމަދު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން އަންނަނީ 4 ބިދޭސީ ކުޅުންތެރިން ޓީމަށް ގެނެސް އިތުރަށް ޓީމް ވަރުގަދަ ކުރުމަށެވެ. އެގޮތުން ސްޕެއިންގެ 3 ކުޅުންތެރިއަކާއި އިތުރު އެހެން ޤައުމެއްގެ ކުޅުންތެރިއެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހި ލީގުން ޖާގަ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ތިނަދޫ ފުޓްބޯޅަ ދުވަހެއް ދުވަހަކަށް ދެން އަންނާނީ ކުރިއަރަމުން ކަމަށް ޢަބްދުﷲ އަޙްމަދު ވިދާޅުވިއެވެ.

މިނިވަން ޗެމްޕިއަންޝިޕް މުޅި ރާއްޖޭގައި ކުރިޔަށްދާއިރު އެކި ރަށްރަށުގެ ޓީމްތައް ވަރުގަދަކުރުމަށް ބިދޭސީ ކުޅުންތެރިން މިހާރުވެސްވަނީ ރާއްޖެ ގެނެސް އެޓީމްތައް ވަރުގަދަކޮށްފައެވެ.