ދުނިޔެ

ދެކުނު ކޮރެޔާގެ އާގު ބޯޓެއް އެޓްލާންޓިކް ކަނޑަށް ގެއްލިއްޖެ


ބްރެޒިލުން ފުރައިގެން ޗައިނާއަށް ދަތުރުކުރަމުންދިޔަ ދެކުނު ކޮރެޔާގެ އާގު ބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

260000 ޓަނުގެ މި އާގު ބޯޓު ގެއްލިފައިވަނީ 24 މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް، ސައުތް އެޓްލާންޓިކް ކަނޑުންކަމަށް ޚަބަރުތައް ބުނެއެވެ. ބޯޓު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންނަށް ލައިފް ކްރާފްޓެއްގައި ފިލިޕީންސްގެ 2 މީހަކު ސަލާމަތުން އޮއްވާ ފެނިފައިވާއިރު، އެސަރަޙައްދުން ފެނުނު އެހެން ލައިފް ކްރާފްޓްތަކުގައި މީހަކު ނެތްކަމަށް ޚަބަރުތައް ބުނެއެވެ. މިބޯޓުގައި ފިލިޕީންސްގެ 16 މީހަކާއި ދެކުނު ކޮރެޔާގެ 8 މީހަކު މަސައްކަތްކުރަމުންދިޔަކަމަށް ޙަބަރުތައް ބުނެއެވެ. 

ބޯޓުގައި ބާކީ ތިބި 22 މީހުންނާއި ބޯޓުގެ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ދެކުނު ކޮރެޔާގެ ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ. އަދި މިމަސައްކަތުގައި ބްރެޒިލާއި އުރުގުއޭގެ އެހީތެރިކަމަށް އެޤައުމުން ވަނީ އެދިފައެވެ. 

މިބޯޓުގައި ހުރި މީހަކު އެންމެފަހުން ފޮނުވި މެސެޖެއްގައި ބޯޓު ދިޔަވެ، ބޯޓު ވަރަށް ބޮޑަށް އަރިއަޅާލާފައިވާކަމަށް ބުނެފައިވެއެވެ. 

ސްޓެލަރ ޑެއިޒީ ނަމަކަށް ކިޔާ މި އާގު ބޯޓަކީ ދެކުނު ކޮރެޔާގެ ކުންފުންޏަކުން ދުއްވާ ބޯޓެކެވެ. ބޯޓު ގެއްލުނުއިރު ދަތުރުކުރަމުންދިޔައީ ދަގަނޑުގެ ބާވަތްތަކެއް ހިފައިގެންކަމަށް ޚަބަރުތައް ބުނެއެވެ.