ވިޔަފާރި

ނާގޯށީގެ މައްސަލަ ހައްލުކުރުމަށް އިތުރު މަޝްވަރާތަކެއް


މިދިޔަ އަހަރުގެ އެންމެފަހު ކުއާޓަރުގެ މާލީ ބަޔާން އާއްމު ނުކުރެވި ލަސްވަމުންދަނީ، މައްސަލަ ހައްލުކުރުމަށް ސަރުކާރާއިއެކު މަޝްވަރާ ކުރަމުންދާތީކަމަށް އެމްޓީޑީސީން ބުނެފިއެވެ.

ސަރުކާރާއި އާއްމު ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން އެ ކުންފުނީގެ ހިއްސާދާރުންގެ މަޢުލޫމާތައްޓަކައި އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ނާގޯށީގެ މައްސަލައަށް ރަގަޅު ހައްލެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.

މިދިޔަ އަހަރުގެ އެންމެ ފަހު ކުއަޓަރގެ މާލީ ބަޔާން އާއްމުކުރަންޖެހޭ ތާރީޚަށް އެމްޓީޑީސީން އެ ބަޔާން ނެރެފައެއްނުވެއެވެ. އެކަމާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ކުންފުނީގެ ހިއްސާދާރުންނަށް ސާފުކޮށްދިނުމުގެ ގޮތުން އެމްޓީޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބަޔާން ނެރުން ލަސްވެފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދިޔަ ނާގޯށީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާތީކަމަށެވެ. މިގޮތުން އެކުންފުންޏަށް ގެއްލުންނުވާނެ ގޮތަކަށް ނުވަތަ ގެއްލުން އެންމެ ކުޑަކުރެވޭނެ ގޮތަކަށް ނާގޯށީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއިއެކު މަޝްވަރާތައް ކުރަމުންދާކަމަށް އެބަޔާނުގައިވެއެވެ. ސަރުކާރާއެކު ކުރަމުންދާ މަސައްކަތުން އެމްޓީޑީސީގެ މަސްލަހަތައް ރިޔާއަތްކުރެވި، އެކަމުގައި އެންމެ ރަނގަޅު ހައްލެއް ލިބޭނޭކަމުގެ އުއްމީދު ބޮޑުކަމަށްވެސް އެމްޓީޑީސީގެ ބަޔާނުގައިވެއެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގެ މާލީބަޔާން އާއްމުކުރާނޭކަމަށްވެސް އެމްޓީޑީސީން ބުނެއެވެ.

ހދ ނާގޯއްޓަކީ ރިސޯޓް ތަރައްޤީކުރުމަށް އެމްޓީޑީސީއަށް ސަރުކާރުން އެންމެ ކުރިން ދެއްވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ނާގޯށި ތަރައްޤީކުރުމަށް އެމްޓީޑީސީން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ސަރުކާރުން މިހާރު ގެންދަވަނީ އެރަށް އަމިއްލަ އިންވެސްޓަރަކާއި ހަވާލުކުރައްވައިގެން ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ހދ ނެއްލައިދޫ ބަނދަރު ހުޅުވުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ފަންސަވީސްވަނަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްޙޫރިއްޔާ އަބުދުﷲ ޔާމިނު ވަނީ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ ނާގޯށި އަމިއްލަ އިންވެސްޓަރަކާއި ހަވާލުކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ 2007 ވަނައަހަރު ސަބްލީޒް އެގްރީމެންޓެއްގެ ދަށުން ތްރީކޭ އިންޓަރނޭޝަނަލްއާއެވެ. 600 އެނދު ހިމެނޭ މި ރިސޯޓަކީ ފަސްތަރީގެ ރިސޯޓެކެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ސީދާގޮތެއްގައި ދިވެހިރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ސަރުކާރުން ދެހާސް ހަވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. އެމްޓީޑީސީ އުފެއްދިތާ މިއަހަރަށް 11 އަހަރު ފުރޭއިރު، ސަރުކާރުން އެކުންފުނި އުފެއްދެވި ހަޤީޤީ މަޤްސަދު އަދިވެސް ހާސިލްވަމުން ނުދާކަމަށް އާއްމު ޙިއްޞާދާރުން ފާހަގަކުރެއެވެ.