ސިއްހަތު

ފްލޫ ވެކްސިން ދެނީ ވަކި ފަރާތްތަކަކަށް- އޭޑީކޭ


އޭޑީކޭ ހޮސްޕިޓަލުން ޢާންމުކޮށް ހުޅުވާލައިގެން އިންފުލުއެންޒާ ވެކްސިން ދިން ނަމަވެސް، މިއަދު ފެށިގެން އެހޮސްޕިޓަލުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްސަ ބަޔަކަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭއިން ބުނީ، މިއަދު ފެށިގެން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، މާބަނޑު މީހުންނާއި، ކެންސަރު ބަލީގެ މީހުންނާއި، ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި، އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

ވެކްސިން ޖެހުމަށް ކޮންމެ ދުވަހަކުވެސް ދޫކުރާނީ 200 ނަމްބަރު ކަމަށާއި ވެކްސިން ޖަހާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވީ، މިގޮތަށް ހަމަޖެއްސީ ރޯގާ ކޮންޓްރޯލްވެ ޢާއްމު ޙާލަތަށް އައުމާ ގުޅިގެން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ތަފާސް ހިސާބުތަށް ދައްކާގޮތުން، މިހާތަނަށް 6755 މީހަކަށް ވެކްސިން ޖަހައިދީފައިވެއެވެ.

ވަކި ކެޓަގަރީތަކަށް ޚާއްސަ ކުރައްވައިގެން ދަމަނަވެށިން ވެކްސިން ދޭން ފެށިފަހުން މިހާތަނަށް 3029 މީހުންނަށް ވެކްސިން ދީފައިވެއެވެ.

ދަމަނަވެށިން އިންފުލުއެންޒާ ވެކްސިން ދެމުން އަންނަނީ އެކި ސަބަބުތަކާއި ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި، ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި، އެބަލީގެ ފަރުވާ ފުރިހަމަކޮށްފައިވާ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ އުމުރުން ތިން އަހަރުން މަތީގެ ފަރާތްތަކާއި، ޑައިލަސިސް ހަދާ މީހުންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ.