ސިއްހަތު

އައިޖީއެމްއެޗު ފްލޫ ކްލިނިކް ބަންދުކުރައްވައިފި


ރާއްޖޭގައި ފެތުރެމުންދިޔަ ހުމުގެ ރޯގާ ވަރަށް ބޮޑަށް ކޮންޓްރޯލްވުމާއި ގުޅިގެން އައިޖީއެމްއެޗުގައި ހުޅުވި ފްލޫ ކްލިނިކް ބަންދުކުރައްވައިފިއެވެ. 

އައިޖީއެމްއެޗުގައި ހުޅުވި ފްލޫ ކްލިނިކަށް ފަސްހާހަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވޭ.

މާރޗު މަހުގެ ތެރޭގައި ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ހުމުގެ ރޯގާއާ ގުޅިގެން، ގިނަ ބަޔަކަށް ޚިދުމަތް ދެއްވުމުގެ ގޮތުން އައިޖީއެމްއެޗުން ތާޖުއްދީން ސްކޫލްގައި ޚާއްސަ ފްލޫ ކްލިނިކެއްވެސް ހުޅުވާފައިވެއެވެ. މި ކްލިނިކް ހުޅުވުމާއި އެކު ގިނަ އަދަދެއްގެ ބަޔަކު އެ ދުވަސްވަރު ޑޮކްޓަރަށް ދައްކާ އެތަނުން ފަރުވާ ހޯދާފައިވެއެވެ. އެހެންނަމަވެސް ރޯގާ ޖެހޭ މީހުންގެ އަދަދު މަދުވުން ތާޖުއްދީން ސްކޫލްގައި ހުޅުވި ޚާއްސަ ކުލިނިކް ބަންދުކުރައްވާ ފްލޫގެ ބަލި މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށްޓެވިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، އެހޮސްޕިޓަލްގައި ޤާއިމްކުރި ފްލޫ ކްލިނކްވެސް އިއްޔެ ބަންދުކުރެއްވީ، އެތަނަށް ދެއްކުމަށް އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، ރޯގާ ވަރަށް ބޮޑަށް ކޮންޓްރޯލްވުމާއި ގުޅިގެން ކަމަށެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، މާރޗް މަހުގެ11 އިން ފެށިގެން 31 ގެ ނިޔަލަށް ޖުމްލަ 5252 މީހުން ފްލޫ ކްލިނިކަށް ދައްކާފައިވާކަމަށެވެ.

ފްލޫ ކްލިނިކް ބަންދުކުރެއްވިނަމަވެސް، މާބަނޑު މީހުންނާއި ކުޑަކުދިންނަށް ފްލޫ ވެކްސިން ދިނުމުގެ ޚިދުމަތް އެހޮސްޕިޓަލުން އަދިވެސް ދަނީ ދެއްވަމުންނެވެ. އެގޮތުން މިހާތަނަށް 1026 މާބަނޑު މީހަކަށް ވެކްސިން ދީފައިވާއިރު، 251 ކުޑަކުއްޖަކަށް ވެކްސިން ދެއްވާފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ހުމާއި ރޯގާ ޖެހިގެން ދައްކަން އަންނަ މީހުން ހޮސްޕިޓަލުގެ ޢާންމު އުސޫލުގެ ދަށުން ޑޮކްޓަރަށް ދެއްކޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. ހުމުގެ ރޯގާ ކޮންޓްރޯލްވުމާއެކު، ސްކޫލްތަކުގެ ކިޔެވުންވެސް މިއަދު ވަނީ ފަށާފައެވެ.