ޚަބަރު

އޯޓިޒަމަށް މުޅި މުޖުތަމަޢުވެސް ހޭލުންތެރިވާންޖެހޭ


އޯޓިޒަމަކީ ތުއްތު ކުދިންގެ ސިކުނޑި ތަރައްޤީވެ، ހެދިބޮޑުވުމުގައި ދިމާވާ މައްސަލައެކެވެ. މިކަން ފާހަގަކުރެވެނީ ކުދިންގެ ޢުމުރުން ފުރަތަމަ ދެތިން އަހަރުގެ ތެރޭގައެވެ. މިކަމުގެ ސަބަބަން ކުއްޖާގެ ކިބައިގައި ހުންނަންޖެހޭ އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ ޤާބިލްކަމާއި މުޢާމަލާތުކުރުމުގެ ހުނަރުތައް ކުޑަވެއެވެ.

އޯޑިއޮލޮޖިސްޓް، ސްޕީޗް ޕެތަލޮޖިސްޓް ޢާއިޝަތު ޒިމްނާ ޙުސައިން ވިދާޅުވީ އޯޓިޒަމް ދެނެގަތުމަށް އުދަނގޫވާ މައިގަނޑު ސަބަބަކީ މިފަދަ ކުދިން ހެދިބޮޑުވުމުގައި އެހެން ކުދިންނެކޭ ތަފާތެއް ނެތުންކަމަށެވެ. އަދި ޢުމުރުން 2 އަހަރުވުމުން ކުއްޖާގެ ހެދިބޮޑުވުމަށް ބަދަލު އައިސް ސިކުނޑި ތަރައްޤީވުމުގައާއި ގުޅުންބަދަހި ކުރުމުގެ ޤާބިލްކަން ދައްކަން ފާހަގަކުރެވޭނެކަމަށެވެ. އެހެންނަމަވެސް މީ ސިކުނޑީގެ  ބައްޔެއް ކަމަށް ދެކިގެން ނުވާނެކަމަށް ޒިމްނާ ވިދާޅުވިއެވެ.

" އޯޓިޒމަކީ ބައްޔެއް ނޫން އެއީ ކުއްޖާގެ އުޅޭއުޅުމަށް ކިޔާ ނަމެއް، އޯޓިޒަމްއަށް ޚާއްޞަ ބޭހެއްނޯވޭ. އޯޓިޒަމްގައި ހުންނަ ސިފަތައް ނުވަތަ ފީޗާރސްތައް އިމްޕްރޫ ކުރުމަށްޓަކައި ޚާއްޞަ ތެރެޕީތަކެއް މައިގަނޑުގޮތެއްގައި ހުންނަނީ. ދެން ބައެއްފަހަރު ބޭސްވެސް ދޭ އެކަމަކު އެއީ އޯޓިޒަމްއަށް ފަރުވާއެއްގެ ގޮތުންދޭ އެއްޗެއްނޫން. އެއީ ކުއްޖާގެ ބިހޭވިޔާސްތައް ރަނގަޅުކުރުމަށްދޭ އެއްޗެއް" ޒިމްނާ ވިދާޅުވިއެވެ.

ޒިމްނާ ވިދާޅުވީ ކުއްޖާ އޯޓިޒަމް ކުއްޖަކަށްވުމުގައި މެދުވެރިވާ ސަބަބުތައް އަދި ހޯދިފައި ނުވާކަމަށެވެ. އަދި އޯޓިޒަމްއަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާކަން ފާހަގަކުރައްވާ ޒިމްނާ ވިދާޅުވީ ޅަޢުމުރުގައި އޯޓިޒަމް ދެނެގަތުން މުހިއްމުކަމަށެވެ.

"ފުރަތަމަ 3 އަހަރަކީ އެންމެ ބޮޑަށް ކުއްޖާގެ ސިކުނޑި ތަރައްޤީވާ 3 އަހަރު . އެހެންކަމުން ވީ އެއްމެ އަވަހަކަށް ފުރަތަމަ 3 އަހަރުގެ ތެރޭގައި ކުއްޖާއަށް ތެރަޕީ ދޭން މުހިއްމު. އޭރުން އޭގެ ފައިދާ އެއްމެ ރަގަޅު ގޮތުގައި ކުރާނީ. އެހެންވީމާ ޝައްކުރެވޭކަމުގައި ވާނަމަ، ވީއެންމެ އަވަހަކަށް ސައިކޮލޮޖިސްޓަކަށް ނުވަތަ ސްޕީޗް ތެރެފީސްޓަކަށް ނުވަތަ ކުޑަކުދިންގެ ޚާއްސަ ޑރ އަކަށްވިޔަސް ދައްކާލުން ވަރަށް މުހިއްމު" ޒިމްނާ ވިދާޅުވިއެވެ.

ނިސްބަތުން ރާއްޖޭގަވެސް އޯޓިޒަމް ކުދިން މަދުނޫންކަން ޒިމްނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރާއްޖޭގައި މިފަދަ ކުދިން ތިބި މިންވަރު ބަލައި ދިރާސާއެއް އަދި ކުރެވިފައި ނެތްކަން ޒިމްނާ ވަނީ ފަހަގަކުރައްވާފައެވެ.

ދުނިއޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަމުންދާއިރު، މިފަހަރުގެ އޯޓިޒަމް ޝިޢާރުކަމަށްވާ "ޓްވާރޑް އޮޓޮނޮމީ އެންޑް ސެލްފް ޑިޓަރމިނޭޝަން" މިޝިޢާރުން  ރަމްޒުކޮށްދެނީ  އޯޓިޒަމް ކުދިންނަށް އަމިއްލައަށް ކަންކަން ޙިޔާރު ކުރުމަށް ފުރުޞަތު ހޯދަދިނުމާއި، ދިރިއުޅުމުގެ ކަންތައްތައް އަމިއްލައަށް ނިންމުމަށް އެކުދިންނަށް ހިއްވަރުދީ، އެކުދިންގެ އަމިއްލަ އިޚްތިޔާރާއި އެކު ކަންކަން ނިންމުމަށް މަގުފަހި ކުރުވުމެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.