ސިއްހަތު

ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ޝެޑިއުލަށްވުރެ ކުރީގައި


ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް، ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޞިއްޙީ ދާއިރާ ފުޅާކޮށް ތަރައްޤީކުރެއްވުމަށް ސަރުކާރުން މިހާރު ހިންގަވަމުން ގެންދަވާ އެންމެ ބޮޑު އެއް މަޝްރޫޢަކީ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު ޤާއިމްކުރެއްވުމުގެ މަޝްރޫޢެވެ. މި މަޝްރޫއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިންޤިލާބެއް ގެނުވާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ފަންސަވީސް ބުރިއަށް ޢިމާރާތްކުރައްވާ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު ތަރައްޤީކުރެއްވުމަށް ހަމަޖެހިފައިވަނީ، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މިހާރު ދެއްވަމުން އަންނަ ހުރިހާ އައުޓްޕޭޝަންޓް ޚިދުމަތާއި، ރާއްޖޭގައި ފަރުވާދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތަކެއް ހެދޭނޭ އިންތިޒާމްތަކާއެކުގައެވެ. އަދި ޕްރިމިއަމް ހެލްތު ސަރވިސްގެ ޚިދްމަތް ތަޢާރަފްކުރައްވައި، ޤައުމީ އަދި ޞިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު، ކޮންފަރެންސްތައް ބޭއްވޭނޭ އިންތިޒާމް އެސެންޓަރުގައި ހަމަޖެހިގެންދާނެކަމަށް އައި.ޖީ.އެމްއެޗުން ވިދާޅުވެއެވެ.

މި ޢިމާރާތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން، އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވީ، މި އިމާރާތުގެ 25 ބުރީގެ ކޮންކްރީޓިންގ ހުރިހާ މަސައްކަތެއް މި އަހަރުގެ ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮންކްރީޓް މަސައްކަތް ނިމެމުންދާ ވަރަކުން ފުރަތަމަ ބުރިން ފެށިގެން މިހާރު އިންޓީރިއަރ މަސައްކަތްތައްވެސް ފަށާފައިވާކަމަށެވެ.

މައުސޫމް ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި އިމާރާތުގެ 10 ވަނަ ފަންގިފިލާގެ މަސައްކަތް ކަމަށެވެ. އަދި މަސައްކަތުގެ ޝެޑިއުލަށްވުރެ ބާރަށް މަސައްކަތް ކުރިއަށްދާކަން މައުސޫމް ފާހަގަ ކުރެއްވިއެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު އިމާރާތްކުރެއްވުމުގެ މަޝްރޫއަކީ، 140 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ހިންގަވާ މަޝްރޫއެކެވެ. މިތަން އިމާރާތް ކުރެއްވުމުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާއެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓރުގައި، ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއްވެސް ހިމެނެއެވެ. އަދި މިތަނުގައި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ ގޮތުގައި ބޭނުންކުރާނެ ސްވިމިންގޕޫލްވެސް ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ 25 ބުރީގެ މި ޢިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމަވައި، އެތަނުގެ ޚިދުމަތް ޢާއްމުންނަށް ދެއްވަން ފެއްޓެވުމެވެ.