ޚަބަރު

މިނިސްޓަރ ތާރިޤް މ.އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އެންވަޔަރމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް މ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

މ. އަތޮޅުގެ ރަށްތަކަށް މިނިސްޓަރ ތާރިޤް ދަތުރުފުޅު ފަށްޓަވާފައިވަނީ އިއްޔެ ހެނދުނުއެވެ. މިނިސްޓަރގެ މި ދަތުރުފުޅަކީ އެ އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ބައްލަވައި ރައްޔިތުންގެ އަޑު އެއްސެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މ. އަތޮޅުގެ ހުރިހައި ރަށަކަށް މިނިސްޓަރ ކުރައްވާ މި ދަތުރުފުޅުގައި އެރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރައްޔިތުންގެ އަޑު އައްސަވާފައިވެއެވެ. އަދި އެ އަތޮޅުގައި އަމިއްލަ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކާއި ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތްވެސް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުޘްމާނާއި ނިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ޢަބްދުލް ޤާދިރުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި އެންވަޔަރމަންޓް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ފެނަކައިގެ އިސް ބޭފުޅުންވެސް މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރމަންޓް މިނިސްޓްރީގެ އެކްޒެގްޓިވް ކޯޑިނޭޓަރ ޢަދުނާން ވިދާޅުވީ މ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓްރާ ޙިއްޞާކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން އެ އަތޮޅުގައި ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ރައްޔިތުން އެދިފައިވާ ކަމަށް އަދުނާން ވިދާޅުވިއެވެ.