ސިޔާސީ

ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން 522 ކެންޑިޑޭޓުން


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ފަރާތުން 522 ކެނޑިޑޭޓުން ވާދަކުރާނޭކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިޤްބާލް އާދަމް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ޕީޕީއެމްއިން ވަރަށް ބާރަށް ކުރިއަށް ގެންދާކަމަށެވެ. އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމްއިން އަތޮޅުތެރޭގެ ރަށްރަށުގައި ކެނޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. އިޤްބާލު ވިދާޅުވީ، އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ އިސްބޭފުޅުން ހިމެނޭ ވަފުދުތައް އަތޮޅުގެ ރަށްތަކުގައި މިހާރުވެސް ޙަރަކާތްތެރިވަމުންދާކަމަށެވެ. ޕީޕީއެމްގެ ޓީމުތައް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރާނޭކަމަށް އިޤްބާލު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ އިންތިޙާބު ކޮމިޓީގެ ޗެއަރމަން ރާބިޙް މުޙައްމަދު ވިދާޅުވީ، މިހާތަނަށް އައިއިރު އޮބްޒާވަރުންގެ ރަޖިސްޓްރޭޝަން ނިމިފަވާކަމަށެވެ. މިމަހުގެ އަށަކާ ހަމަޔަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަނުން ހުޅުވާލާފައިވާތީ، މިހާތަނަށް ރަޖިސްޓްރީވެފައި ނުވާ ކެނޑިޑޭޓުންގެ މަންދޫބުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް ރާބިހު އިލްތިމާސްކުރެއްވިއެވެ.

ޕީޕީއެމްގެ ޗީފް މީޑިއާ އޮފިސަރު މުޙައްމަދު ޝަކީބު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ޚާއްޞަކޮށް ޕީޕީއެމްއިން ހޮޓްލައިނެއް ޤާއިމްކޮށްފައިވާކަމަށެވެ. ލޯކަލް ކައުންސިލް އިންތިޙާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ، އަންނަ މޭ މަހުގެ 6 ވަނަ ދުވަހުއެވެ.