ޚަބަރު

މުޅި މުޖުތަމައަށް ޚިދުމަތްކުރުމަކީ ފުލުހުންގެ ޢަޒުމަކަށް ވާންޖެހޭ


ޤާނޫނުތައް ޙިމާޔަތްކުރުމާއެކު މުޅި މުޖުތަމައަށް ޚިދުމަތްކުރުމަކީ ފުލުހުންގެ ޢަޒުމަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ފުލުހުންގެ 84 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ފުލުހުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުލުހުންގެ ޒިންމާދާރުކަން ކަނޑައަޅާދޭ މިންގަޑަކީ މުޖްތަމައުގައި އަމާންކަމާއި ސުލްޙަވެރިކަން އޮންނަ މިންވަރު ކަމަށެވެ.

ފުލުހުންނަކީ އިންސާނިއްޔަތަށް އެންމެބޮޑު އެއް ޚިދުމަތެއްދޭ ވަޒީފާ އަދާކުރާ މީހުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ކޮންމެ ފަދަ ނުރައްކަލަކަށްވެސް ހަށިގަނޑާއި ފުރާނަ ހުށައެޅިދާނެކަން އެނިގިތިބެ ކޮންމެ ދުވަހަކު، އާއިލާތަކާއި ވަކިވެގެން މުޖުތަމައަށް ޚިދުމަތްކޮށްދޭ ފުލުހުންނަކީ ވަރުގަދަ ހުވައެއްގެ މަތީގައި ދެމިތިބޭ ޝަރަފުވެރި ޚިދުމަތްތެރިންތަކެއް ކަމަށެވެ.

މީގެ އަހަރުތަކެއް ކުރީން ދިވެހި ފުލުހުންގެ ވަޒީފާއަކީ ވަކިގޮތަކަށް ބައްޓަންކުރެވިފައިވާ ވަޒީފާއެއް ނަމަވެސް މިހާރު ފުލުހުންނަކީ ހުނަރުވެރި ތަފާތު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި، އެގޮތުން، ދާޚިލީ ދާއިރާގެ ތެރޭގައި ހިންގާ ކުށްތައް ހުއްޓުވައި، އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން، ސައިބަރ ކްރައިމްއާ، ކްރޮސް ބޯޑަރ ޓެރަރިޒަމާއި، ކްރޮސްބޯޑަރގެ ހުރިހާ ވައްތަރެއްގެ ބޮޑެތި ކުށްތަށް ހުއްޓުވައި، އެއާގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކަކީ މިހާރު ފުލުހުން ކުރަމުންދާ މުހިންމު ބައެއް މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚިދުމަތްދޭއިރު ފުލުހުންނަށް ކުރިމަތިވާ ނުރައްކާ، ރާއްޖޭގައިވެސް ނިސްބަތުން ކުޑަ ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.  

"އަޅުގަނޑުމެންނަށް ތާރީޚު ދައްކައިދީފައިހުރި ދިވެހިރާއްޖޭގައި މަދުންނަމަވެސް، ހަމަ އެންމެ ބޮޑެތި ނުރައްކާތަކާއި، ފުލުހުން ކުރިމަތިލާން ޖެހިފައި ހުރިކަން. އަދި ފުލުހުންގެ ފުރާނަތައް ޤުރުބާންވެފައިހުރިކަން އަޅުގަނޑުމެންނަށް އެބައެނގޭ. އެހެންވީމަ ފުލުހުންގެ ޚިދުމަތަކީ އެއްގޮތަކަށްވެސް ވަކިކަހަލަ މަސައްކަތަކަށް ބައްޓަންވެފައި އޮންނަ ޚިދުމަތަކަށް މިއަދު ނުވޭ. ވަރަށް ސޮފިސްޓިކޭޓެޑް މަސައްކަތް ފުލުހުން ކުރަން އެބަޖެހޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

ވަކި އަމާޒަކަށް ފުލުހުން ކުރާ މަސައްކަތަކީ މުޖުތަމައުގެ ވަކި ފިކުރެއްގައިތިބޭ ބަޔަކަށް ދައްކަން ނުވަތަ އެކަންކަން ޓީވީތަކުން އިސްތިހާރުކުރަން ކުރެވޭ މަސައްކަތަކަށް ވެގެންނުވާނެ ކަމަށާއި، ކޮންމެ ޢަމަލަކީވެސް، ހިންގާ ކޮންމެ އޮޕަރޭޝަނަކީވެސް، ޤާނޫނީ ތަރަހައިގެ ތެރޭގައި، ޕްރޮފެޝަނަލް ކަމާއެކު ކުރާކަމަކަށް ހެދުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ.

"ފުލުހުންނަކީ ޤާނޫން ލިބޭ ބާރާއި، އެކު އެޤާނޫނު ޒިންމާދާރު ކުރާފަރާތްވެސްމެ. އެހެންވީމަ ފުލުހަކު ވެއްޓިގެންދާއިރު، ލެނގިލަންވެސް އޮންނަ އެއްޗަކީ، ޤާނޫނު. އަދި ފުލުހަކަށް ބާރުލިބޭ ހަތިޔާރަކީވެސް ޤާނޫނު" ރައީސް ޔާމީން ވިދާޅުވިއެވެ.

ފުލުހުންގެ މަސައްކަތާނުލައި އެއްވެސް މުޖުތަމަޢެއްގެ މަސްލަޙަތު ނުދެމެހެއްޓޭއިރު، އެޚިދުމަތަކީ ކޮންމެ މުޖުތަމަޢަކަށްވެސް އެންމެ މުހިއްމު އެއް ޚިދުމަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފުލުހުން ދެއްވާ ޚިދުމަތްތަކަކީ ޝުކުރުވެރިވުމެއްނެތް ޚިދުމަތެއްގެ ގޮތުގައި އެމީހުންގެ ހިތްތަކަށް ވެއްދުމަށް ބައެއް ފަރާތްތަކުން ވަސްވާސްދޭ ކަމަށާއި، ނަމަވެސް ތަފާތުކުރުމެއް ނެތި މަސައްކަތްކުރަން ވާނީ މުޖުތަމަޢުގެ އިޙްތިރާމް ހޯދުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ރޭ ވިދާޅުވިއެވެ.