ވިޔަފާރި

ގެޓްސެޓުގެ 2 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާފައިފި


ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފަށްޓަވާފައިވާ ގެޓްސެޓް ލޯނު ޕްރޮގްރާމުގެ 2 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރުވަނީ "ގެޓް ސެޓު" ޕްރޮގްރާމުގެ ދެ ވަނަ ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރަން ފަށާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެޕްލިކޭޝަން ފޯމުގެ ސޮފްޓް ކޮޕީ އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އެޕްލިކޭޝަން ފޯމުގެ ހާރޑްކޮޕީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ މިނިސްޓްރީގެ އޮފީހުންނާއި، އެ މިނިސްޓްރީން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށެވެ.

ފޯމު ބަލައިގަތުން އޭޕްރިލް މަހުގެ 16 އިން ފެށިގެން 27 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާނެ ކަމަށާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަޔަށް ހުށަހަޅުއްވާފައި ނެތްނަމަ ފޯމް ބަލައިނުގަނެވޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. 

ގެޓްސެޓު ލޯން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ 2015 ވަނަ އަހަރުގައެވެ. އެބުރުގައި 72 ޒުވާނުންނަށް ވަނީ ލޯނު ޙަވާލުކޮށްފައެވެ. ގެޓްސެޓް ލޯނުގެ ފުރަތަމަ ބުރަށް 500އަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ އިރު، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ޝޯޓް ލިސްޓް ކޮށްފައިވަނީ 285 ފަރާތެކެވެ.

އަދި ޝޯޓް ލިސްޓް ކުރެވުނު ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު ލޯނަށް ހޮވިފައިވަނީ އެންމެ މަތިން ސްކޯރ ކުރި ފަރާތްތަކެވެ.