ދުނިޔެ

ދެކުނު ކޮރެޔާގެ ކުރީގެ ރައީސް ހައްޔަރުކޮށްފި!


މިމަހު ކުރީކޮޅު މަޤާމުން ވަކިކުރި ދެކުނު ކޮރެޔާގެ ކުރީގެ ރައީސް ޕާކް ގުއެން ހައި ކޮރަޕްޝަންގެ މައްސަލަތަކެއްގައި ހައްޔަރުކޮށްފިއެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައި ޕާކް ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަނާއި އެހެނިހެން ބައެއް ބޮޑެތި ތުހުމަތުތަކާ ގުޅިގެން، އެޤައުމުގެ ޑިސްޓްރިކްޓް ކޯޓަކުން އޭނާ ހައްޔަރުކުރުމަށް އަމުރެއް ނެރުމާ ގުޅިގެނެވެ.

މިމައްސަލަތައް އެންމެ ފުރަތަމަ ފެންމަތިވުމާ ގުޅިގެން މިދިޔަ ޑިސެމްބަރުމަހު އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި އެނިންމުމަށް އެޤައުމުގެ އެންމެ މަތީ ދުސްތޫރީ ކޯޓުން މިމަހުގެ ދިހަ ވަނަ ދުވަހު ތާޢީދުކުރި ހިސާބުން، ޕާކް ވަނީ ރަސްމީކޮށް މަޤާމުން ވަކިކޮށްފައެވެ. ޕާކް ހައްޔަރުކޮށް، އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމުގެ ބާރު ޕްރޮސެކިއުޓަރުންނަށް ލިބުނީ ކޯޓުގެ ޙުކުމާއެކު، ޕާކްއަށް ލިބިފައިވާ ޤާނޫނީ ޙިމާޔަތް ނެތިދިއުމުންނެވެ.

ޕާކް ހައްޔަރުކުރީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ހެކި ފޮރުވަފާނެކަމަށް ބެލެވޭތީކަމަށް ކޯޓުން ނެރުއްވި އަމުރުގައިވެއެވެ. އޭނާގެ މައްޗަށް ކޮރެޔާގެ ޕްރޮސެކިއުޓަރުން ކުރާ ތުހުމަތުތަކުގެ ތެރޭގައި، މަޤާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ރިޝްވަތު ނެގުމާއި އަދި ޤައުމުގެ މުހިއްމު މަޢުލޫމާތުތަކެއް އެހެން ބައެއް ފަރާތްތަކާ ހިއްސާކުރުން ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14909494133469.jpg|ދެކުނު ކޮރެޔާގެ ކުރީގެ ރައީސް ޕާކް ގުއެން ހައި، ހައްޔަރުކޮށްގެން ގެންދަނީ / ފޮޓޯ: ޒިންހުއާ

ހައްޔަރުކުރުމުގެ އަމުރާއެކު، ޕާކް ވަނީ ކޮރެޔާގެ ވެރިރަށް ސޯލްގައި ހުންނަ ޑިޓެންޝަން ސެންޓަރަކަށް ގެންގޮސްފައެވެ. މިމައްސަލައިގައި ހިމެނޭ އޭނާގެ ގާތް އެހެން ފަރާތްތައްވެސް ބަންދުކޮށްފައިވަނީ މިތަނުގައެވެ.

ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ވަގުތުވެސް އޭނާއަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ދިޔައީ އެސަރަޙައްދުގައި އޭނާއަށް ތާޢީދުކޮށް އަޑު އުފުލަމުންނެވެ. ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު، އުމުރުފުޅުން 65 އަހަރުގެ ޕާކް ބައިންދާފައިވަނީ ވަކިން ގޮޅިއެއްގައި، ޖަލު ހެދުމެއްގައިކަމަށް ޚަބަރުތައް ބުނެއެވެ. ޕާކް ހައްޔަރުކުރި ނަމަވެސް، އޭނާގެ މައްޗަށް ރަސްމީކޮށް ދަޢުވާކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ޕާކްއާ ދެކޮޅަށް ރަސްމީކޮށް ދަޢުވާ އުފުލާނެކަމަށް ޚަބަރުތައް ބުނެއެވެ.

2013 ވަނަ އަހަރު ބޮޑު ތާޢީދަކާއެކު ދެކުނު ކޮރެޔާގެ ވެރިކަމަށް ވަޑައިގެންނެވި ޕާކް ގުއެން ހައި އަކީ، 1963 އިން 1979 އަށް ދެކުނު ކޮރެޔާގައި ވެރިކަން ކުރެއްވި ޕާކް ޗަންގް ހީގެ ބޭފުޅެކެވެ. ޕާކް ގުއެން ހައި އަކީ ދެކުނު ކޮރެޔާގެ ފުރަތަމަ އަންހެން ރައީސްއެވެ.