ވިޔަފާރި

ބޭންކް އޮފް މޯލްޑިވްސްގެ އައު ބްރާންޗެއް ލ. ގަމުގައި ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ވީހާވެސް ގިނަ ބަޔަކަށް ލިބިދިނުމަށާއި ދިވެހި މުޖުތަމަޢަށް އެ ބޭންކުން ކުރާ އިންވެސްޓްމަންޓްތަކުގެ ބައެއްގެ ގޮތުން ލ. ގަމުގައި ބޭންކްގެ އާ ބްރާންޗެއް މިއަދު ހުޅުވައިފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުޅުވާފައިވާ މި ބްރާންޗަކީ އެންމެ ޒަމާނީ ސެލްފް ސަރވިސް އޭޓީއެމް ޓެކްނޮލޮޖީ ބޭނުންކޮށްގެން 24 ގަޑިއިރު ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ލިބޭ ބްރާންޗެއް ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

މި ބްރާންޗް ހުޅުވުމަށް، ގަމުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި އިންވެސްޓްމަންޓަކީ މުޖުތަމަޢަށް ކުރާ އިންވެސްޓްމަންޓް ދެގުނައަށް އިތުރުކުރުމަށާއި 150 އައު ވަޒީފާ އުފެއްދުމަށް ދާދިފަހުން ބޭންކުން އިޢުލާންކޮށްފައިވާ ޕްރޮގްރާމްގެ ދަށުން ކުރި އިންވެސްޓްމަންޓެއް ކަމަށެވެ.

ބީއެމްއެލުން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗްގެ ޚިދުމަތްދެމުންނެވެ. އަދި، 83 އޭޓީއެމްގެ ޚިދުމަތާއި 4،000 ޕީއޯއެސް މަރޗަންޓުންގެ ޚިދުމަތްވެސް ދެމުން ގެންދެއެވެ. މީގެ އިތުރަށް 200 ކޭޝް އޭޖެންޓުންގެ ޚިދުމަތާއި، 24 ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ދެމުން ގެންދެއެވެ.