ހޮޓެލް ޖެންއިން ކުރިއަށްގެންދިޔަ އާފްޓަރ އަވާރސް ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ އިޢުލާންކޮށްފިއެވެ.
މިމަހުގެ 11 ން 25 އަށް ބޭއްވި މި މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 70 އަށްވުރެ ގިނަ ފަންނުވެރިން ފޮޓޯ ހުށައަޅާފައިވެއެވެ. މި މުބާރާތުން އެއްވަނަ ޙާޞިލްކުރި ބައިވެރިޔާއަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ޚާއްޞަ ޙަފްލާއެއްގައި އިނާމްދެއްވީ އެ ހޮޓަލުގެ ޖެނެރަލް މެނޭޖަރ ރަހީމް ފިލިންއެވެ.
މި މުބާރާތުން އެއްވަނަ ޙާޞިލްކޮށްފައިވަނީ އާލީ ޝާފީއެވެ. އޭނާ މި މުބާރާތަށް ހުށައަޅާފައިވަނީ ރޭގަނޑުގެ ވަގުތުގައި މާލޭގެ ޢިއްޒުއްދީން ފާލަމުން ފެންނަ ހިތްގައިމު މަންޒަރުގެ ފޮޓޯއެކެވެ. މުބާރާތުން އެއްވަނައަށް ދިއުމުން މެލޭޝިޔާގައި ހުންނަ ހޮޓެލް ޖެން ޕުތެރި ހާބަރގައި ފަސް ދުވަހު ހުރުމުގެ ފުރުޞަތު އޭނާއަށް ވަނީ ލިބިފައެވެ.
ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ހޮޓެލް ޖެންގެ އެސިސްޓެންޓް މާރކެޓިންގ ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ އަޙްމަދު ވިދާޅުވީ މި މުބާރާތަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ހިންގާ ބްރޭންޑް ކެމްޕެއިނެއްގެ ދަށުން ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ. img:http://s4.psmnews.mv/images/660x400/14908908867377.jpg|ހޮޓެލްޖެންގެ އެސިސްޓެންޓް މާރކެޓިންގ ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ އަޙްމަދު - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް
"އާފްޓަރ އަވަރސް ބްރޭންޑް ކެމްޕެއިނަކީ ބޮޑަށް ޓުއަރިސްޓުންނަށް ފޯކަސް ކޮށްގެން ހިންގާ ކެމްޕެއިނެއް. މާލެ ސިޓީތެރޭގެ އެކި ޑެސްޓިނޭޝަންތައް ވެސް އަޅުގަނޑޫމެން މިދަނީ ޕްރޮމޯޓުކުރަމުން." ހޮޓެލް ޖެންގެ އެސިސްޓެންޓް މާރކެޓިންގ ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ އަޙްމަދު ވިދާޅުވިއެވެ.
މި މުބާރާތުން އެއްވަނައަށް ދިޔަ ޢަލީ ޝާފީ ބުނީ މިއީ މި ދާއިރާގައި މަސައްކަތްކުރަން ފެށި ފަހުން ލިބުނު އެންމެ ރަނގަޅު އެއްކާމިޔާބީ ކަމަށް.
"އެހާ ގިނަ ފޮޓޯތައް ބައިވެރިކުރި މުބާރާތަކުން މިފަދަ ކާމިޔާބީއެއް ލިބުނީތީ ވަރަށް އުފާވޭ. މުބާރާތުގައި ފޮޓޯ ބައިވެރިކުރި އިރު އެއްވަނަ ލިބޭނެ ކަމަކަށް އުއްމީދެއް ނުކުރަން." މި މުބާރާތުން އެއްވަނައަށް ދިޔަ ޢަލީ ޝާފީ ބުންޏެވެ.
މި ދާއިރާގައި އޭނާ މަސައްކަތްކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.