ޚަބަރު

އެރިޔަދޫ ރިސޯޓް ކައިރި މޫދަށްދިޔަ ފަތުރުވެރިއެއް ގެއްލިގެންހޯދަނީ


މާލެއަތޮޅު އެރިޔަދޫ އައިލެންޑް ރިސޯޓް ކައިރިއަށް މޫދަށް އެރުނު ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

މި ޙާދިސާއާ ގުޅިގެން ހޯދަމުންދަނީ ޢުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާރޑުން ވިދާޅުވިއެވެ. މި މީހާ މޫދަށް ދިޔައިރު އަޅައިގެން ހުރީ ނޫ ކުލައާއި ފެހި ކުލަ ހުރި މޫނުމައްޗެއް ކަމަށާއި އަރައިގެން ހުރީ ކަޅު ކުލައިގެ ބޫޓަކަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭނާ ހުރީ ނޫކުލައިގެ ސޯޓެއް ލައިގެންކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާރޑަށް މިއަދު އިރުއޮއްސުނުއިރު، ލިބުމާއެކު މި މީހާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާރޑުގެ ޑައިވަރުންގެ ޓީމަކުން ޙަރަކާތްތެރިވަމުން ދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ފަތުރުވެރިޔާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާރޑަށް އެ މަޢުލޫމާތު ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.