ކުޅިވަރު

ތުރުކިމިނިސްތާން ބަލިކޮށް، ކިރްގިސްތާން ޗެމްޕިއަންކަން ހޯދައިފި


އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކްރްގިސްތާން ހޯދައިފިއެވެ. 

މިމަހުގެ 11 ވަނަ ދުވަހު ފެށި މިމުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާން ހޯދީ ފައިނަލްގައި ވާދަވެރި ތުރުކިމިނސްތާންގެ މައްޗަށް 3 ސެޓް 1 ސެޓުން ކުރި ހޯދައިގެންނެވެ. 

މެޗްގެ ފުރަތަމަ ސެޓް ކިރްގިސްތާން ކާމިޔާބުކުރީ 25-20 ނެވެ. ޖެހިގެން އައި 2 ވަނަ ސެޓް ތުރުކިމިނިސްތާނުން ކާމިޔާބުކުރީ 25-21 ނެވެ. ތިންވަނަ ސެޓާއި، ހަތަރުވަނަ ސެޓް ކިރްގިސްތާން ކާމިޔާބުކުރީ 25-19 އަދި 25-22 ނެވެ. މިމުބާރާތުގެ ވަކިވަކި މަޤާމްތަކަށް ހޮވުނު ކުޅުންޔެރިންނަށް މެޑައްޔާއި ހަނދާނީލިޔުމާއި ޓްރޮފީ ހަވާލްކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްއެވެ.

 މިމުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ ކިރްގިސްތާންގެ ޓޮކްޓޯވް މުހައްމަދެވެ. 2 ވަނަ އައުޓްސައިޑް އެޓޭކަރަކީ ތުރުކިމިނސްތާންގެ ގުލްޔޫވް މިތުންނެވެ. އެންމެ މޮޅު މިޑްލް ބްލޮކަރަކީ ތުރުކިމިނސްތާންގެ ގުކްޔޫވް މިތުންނެވެ. 2 ވަނަ ބްލޮކަރަކީ ތުރުކިމިނިސްތާންގެ ބަހްރާމް ރޮޒްމެޓޯވެވެ. އެންމެ މޮޅު ސެޓަރަކީ ކިރްގިސްތާންގެ މޫސައޭވް ޒަމަލަދީނެވެ. އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއަކީ ކިރިގިސްތާންގެ އުލޫ އޮނެލްބެކެވެ. އެންމެ މޮޅު ލިބަރޯއަކީ ތުރުކިމިނސްތާންގެ އޮވެޒޯވް ގުދްތަރަތެވެ. 23 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކިރްގިސްތާންގެ އިދްރިސޯވް އެމިލްއެވެ. އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ކިރްގިސްތާންގެ ކޯޗް އަންދްރޭއީއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކިރްގިސްތާންގެ އުލޫ އޮނެލްބެކެވެ. 2 ވަނަ ރަނަރއަޕް ޓީމަކީ ނޭޕާލެވެ. 

ކިރްގިސްތާން މުބާރާތް ކާމިޔާބުކުރިއިރު ލީގު ބުރުގައި އެޓީމް ވަނީ ތުރުކެމްނިސްތާން އަތުން ބަލިވެފައެވެ.

މިމުބާރާތުގައި ވާދަކުރީ ދިވެހި ރާއްޖޭގެ އިތުރުން ނޭޕާލާއި ކިރްގިސްތާން އަދި ތުރުކިމިނިސްތާނެވެ. މިމުބާރާތުން ރާއްޖެ ކަޓާފައިވަނީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެއެވެ.