ކުޅިވަރު

އޭޝިޔަން ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީޓީ ޓީމް ޗައިނާއަށް ފުރައިފި


އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ސީނިއަރ ޓޭބަލް ޓެނިސް ޓީމް މިއަދު ޗައިނާއަށް ފުރައިފިއެވެ.

މިއަދު ހަވީރު ޗައިނާއަށް ފުރި ޓީމުގައި ފިރިހެން ތިން ކުޅުންތެރިންނާއި، އަންހެން ހަތަރު ކުޅުންތެރިން ހިމެނެއެވެ. ފިރިހެން ޓީމުގައި ހިމެނެނީ މޫސާ މުންސިފް އަހުމަދާއި، މުހަންމަދު ޒީސްތް ނަސީމްއާއި، މުހައްމަދު ޝައްފާން އިސްމާއިލްއެވެ. އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު ޝިއުރާ ޝަރީފްއާއި، އައިޝަތު ރަފާ ނާޒިމްއާއި، ފާތިމަތު ޖުމާނާ ނިމާލް އަދި އައިޝަތު ފަދުވާ ރަޝީދުއެވެ. 

އަންނަ އޭޕްރީލް މަހުގެ 9 ން 16 އަށް ޗައިނާގެ ވޫޝީގައި އޮންނަ މި މުބާރާތައް ފުރި ޓީމު މުބާރާތުގެ ކުރިން ނަންޖިން ސިޓީގައި މަޑުކުރުމަށްފަހު އެއް ހަފްތާގެ ޓްރޭނިންގ ކޭމްޕެއް ފުރިހަމަކުރާނެއެވެ. މުބާރާތަށް ފުރުމުގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާ ވިދާޅުވީ މިއީ ދިވެހި ޓީމަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، ސަބަބަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވާލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ބައިވެރިވެވޭނީ މި މުބާރާތުގައި ދައްކާ ކުޅުމަށް ބެލުމަށްފަހު ރޭންކް ކުރެވޭ ގޮތުގެ ތަރުތީބުން ކަމުގައި ވާތީކަމަށެވެ.

 "މިއީ ދިވެހި ޓީމް އިތުރު ހަރުފަތަކަށް ދިއުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުޞަތެއް، ސަބަބަކީ މި މުބާރާތުން ދައްކާ ޕާފޯމަންސް ބެލުމަށްފަހު އެނގިގެން ދާނީ އަންނަ އަހަރު އޮންނަ ވާލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވެވޭނެކަން، އެހެންކަމުން މި މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން" ސުޖާ ވިދާޅުވިއެވެ.

  އޭޝިޔަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްފަހު ދިވެހި ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.