ސިއްހަތު

ޞިއްޙީ ތަމްރީނުތަކުގެ ސަބަބުން ރާއްޖޭގައި ދިރާސާތައް އިތުރުވެއްޖެ


ޞިއްޙީ ދާއިރާގައި ހިންގޭ ތަމްރީނުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ދިރާސާތައް ރާއްޖޭގައި ކުރެވޭ ނިސްބަތް އިތުރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ގުޅިވަޑައިގެން ހިންގެވި "ޓްރެއިނިންގ އޮން ހެލްތް ރިސާރޗް ޕްރޮޕޯސަލް އެޕްރައިސަލް" މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓްރީ އޮފް ހެލްތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާ ގުޅިވަޑައިގެން ބޭއްވެވި "ޓްރެއިނިންގ އޮން ހެލްތް ރިސާރޗް ޕްރޮޕޯސަލް އެޕްރައިސަލް" މަސައްކަތު ބައްދަލުވުމަކީ ޞިއްޙީ ދިރާސާކުރުންތަކުގައި ބައްލަވަ ސުލޫކީ އަދި ސައިންޓިފިކް މިންގަނޑުތަކަށް އަހުލުވެރި ކުރެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ. މާބްލް ހޮޓެލްގައި ބޭއްވެވި ފަސްދުވަހުގެ މި ބައްދަލުވުމުގައި 25 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި މަސައްކަތު ބައްދަލު ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫންއެވެ. އެކަމަނާ ވިދާޅުވީ ދިވެހި ރާއްޖޭގައިވެސް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ދިރާސާތައް ކުރެވޭ ނިސްބަތް، މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން، އިތުރުވަމުން އަންނަ ކަމަށެވެ. އަދި މި ދިރާސާތަކުން އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ޞިއްޙީ ޙާލަތު ދެނެގަނެވި، އެކަމަށް ބިނާކޮށް ރައްޔިތުންގެ ޞިއްޙަތަށް އެންމެ ފައިދާވާނެ ގޮތަށް ރާއްޖޭގެ ޞިއްޙީ ސިޔާސަތުތައް އެކަށައެޅުމަށް މަދުފަހިވެގެންދާ ކަމަށް ދުންޔާ ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގައި ޞިއްޙީ ދިރާސާކުރުމުގެ ޘަޤާފަތެއް އުފެއްދުމަށްޓަކައި ހެލްތް މިނިސްޓްރީން ކުރައްވާ މުހިންމު މަސައްކަތްތަކަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ޞިއްޙީ ދާއިރާގައި ދިރާސާކުރުމުގެ ޝައުޤުވެރިކަން އެކި ފަރާތްތަކުގެ މެދުގައި އުފައްދުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. އަދި ޔުނިވަރސިޓީތަކާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކުން ގުޅިގެން ރާއްޖޭގައި ޞިއްޙީ ދިރާސާތައް ކުރުމަށް އިސްކަންދޭ ދާއިރާތަކުން އިތުރަށް ދިރާސާތައްކޮށް އެ މައުލޫމާތުގެ އަލީގައި ގިނަ މަސައްކަތްތަކެއް ކުރަމަށް މިނިސްޓްރީން ރާއްވަވާކަމަށެވެސް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގައި ކުރެވޭ ޞިއްޙީ އަދި ޢިލްމީ ދިރާސާތައް ކުރުމުގެ ހުއްދަދެއްވުމަށް އެކުލަވާލައްވާފައިވާ ނޭޝަނަލް ހެލްތް ރިސާރޗް ކޮމެޓީއަށް ހުށަހެޅޭ ރިސާރޗް ޕްރޮޕޯޝަލްތައް ރިވިއުކުރުމުގެ މަސައްކަތް ވިލަރެސް ކުރުމުގައި ސައިންޓިފިކް އަދި ސްލޫކީ މިންގަނޑުތަކަށް މި ޕްރޮގްރާމްގެ ސަބަބުން އިތުރަށް ހޭލުންތެރިވެފައިވާކަން ފާހަގަކުރެވޭ ކަމަށް ހެލްތް މިނިސްޓްރިން ވިދާޅުވެއެވެ.