ދުނިޔެ

ޔޫރަޕިއަން ކައުންސިލުގެ ރައީސްއަކަށް އަނެއްކާވެސް ޓަސްކް !


ޔޫރަޕިއަން ކައުންސިލްގެ ރައީސްގެ މަޤާމުގެ ދެވަނަ ދައުރަކަށް، މިހާރުގެ ރައީސް ޑޮނާލްޑް ޓަސްކް ހޮވިވަޑައިގެންފިއެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަ އެއިދާރާގެ މައި މަރުކަޒުގައި މެމްބަރު ޤައުމުތަކުގެ މެދުގައި ނެގި ވޯޓުގައި، އޭނާގެ ޤައުމުކަމަށްވާ ޕޯލެންޑް ފިޔަވައި މެމްބަރު ހުރިހައި ޤައުމަކުން އޭނާއަށް ވޯޓު ދިނެވެ.

ޑޮނާލްޑް ޓަސްކުގެ ރައީސްކަމުގެ ދައުރުގެ އެއްއަހަރުގެ މުއްދަތު ހަމަވާނީ އަންނަ މޭއި މަހުގެ އެއްތިރީސް ވަނަ ދުވަހުއެވެ. އޭނާއަށް ވޯޓްދިން ހުރިހައި ޤައުމަކުންވެސް ވަނީ އޭނާގެ މަސައްކަތް ބަލައިގަނެ، ކުރިޔަށް އޮތް ދައުރުގައިވެސް އޭނާ އަށް އެއްބާރުލުން ދޭނޭ ކަމަށް ބުނެފައެވެ. 

ޔޫރަޕިއަން ކައުންސިލް ގައި ޓަސްކުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ އިގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށް، ފައިލްކޮށްފައިވާތީ، އެކަން ކުރިޔަށް ގެންދިއުމެވެ.