ޚަބަރު

ޢަރަބިބަސް ކިޔަވައިދިނުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހޯދަނީ


ކުދިން ޝައުޤުވެރިވާ ގޮތަށް ޢަރަބިބަސް ކިޔަވައިދިނުމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޢަރަބި ބަސް ކިޔަވައިދެއްވާ މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުން ނިންމެވުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޢަރަބި ބަސް ކިޔަވައިދެއްވާ މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުން ބޭއްވެވީ މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަށެވެ. މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ 60 ސްކޫލަކުން 62 މުދައްރިސުން ބައިވެރިކުރެއްވިއެވެ. ޢަރަބި ބަހުން ކިޔަވައިދެއްވި މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވީ ސިންގަޕޫރްގެ "އިރުޝާދް ޓްރަސްޓް ފައުންޑޭޝަން" ގެ ޓްރެއިނަރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ސްކޫލެއްގައިވެސް މާއްދާއެއްގެ ގޮތުގައި ޢަރަބި ބަސް ކިޔަވައިދެއްވާނެ ކަމަށެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވަމުންދާ ހުރިހާ ކުދިންނަށް ބަހެއްގެ ގޮތުގައި ޢަރަބި ބަސް ކިޔަވައިދެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުން ލިބުނު ހުނަރުތަކުގެ އެހީގައި ޢަރަބި ބަހަކީ ކުދިން ކިޔަވާ ހިތުން ކިޔަވާ މާއްދާއެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތް ކުރެއްވުމަށް މުދައްރިސުންގެ ކިބައިން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

"ޢަރަބި ބަހަކީ ޤުރުއާނުގެ ބަސް. އިސްލާމްދީނުގެ ޢިލްމު އޭގެ މައްޗަށް ބިނާވެފައިވާ ބަސް. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާހިނދު މި ބަސް ފަތުރާ މި ބަހަށް ލޯބި ޖެއްސޭނެ ގޮތްތައް ހޯދާ މަސައްކަތްކުރުމަކީ މި ބަހުގެ އަހުލުވެރިން ކޮށްދެއްވަން ޖެހޭނެ ކަމެއް ކަމުގައި ދެކެން. މި ބައްދަލުވުމުން މި ދެންނެވި ގޮތަށް ކުދިން ޝައުޤުވެރިކަމާއި އެކު މި މާއްދާ ބަލައިގަންނާނެ ގޮތްތަކެއްވަނީ ދަސްކުރެވިފައި." އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޢަރަބި ބަސް ކިޔަވައިދިނުމުގައި ގެންގުޅެންޖެހޭ ޚާއްސަ ހުނަރުތައް ދަސްވެގެން ދިޔަކަމަށް މި ޕްރޮގްރާމްގައި ބައިވެރިވި މުދައްރިސުން ފާހަގަކުރެއެވެ. ރާއްޖޭގެ ސާޅީހަށްވުރެ ގިނަ ސްކޫލެއްގައި ޢަރަބި ތަޢުލީމު، ކިޔަވައިދެއްވައެވެ. އަދި ޢަރަބި މީޑިއަމަށް ކިޔަވައިދޭ 4 ސްކޫލެއް ރާއްޖޭގައި ވަނީ ޤާއިމް ކުރައްވާފައެވެ.