ޚަބަރު

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް - ޓީވީއެމްގެ ބާނީ


މީގެ 39 އަހަރުކުރިން ދިވެހިރާއްޖޭގައިވެސް އަދި މުޅި ދުނިޔޭގައިވެސް ޓީވީ ސްޓޭޝަންތައް ހިންގުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެޒަމާނުގެ ވަޞީލަތްތަކުގެ މަދުކަމާއި ހުނަރުވެރިންގެ މަދުކަމުން ޓެލެކާސްޓް ކުރުންފަދަ ފަންނީ މަސައްކަތެއް ފަށައިގަތުމަކީ ވަރަށްވެސް ބުރަ ކަމެކެވެ. ނަމަވެސް ވަރަށް ގިނަ ހުރަސްތަކެއް ގިރާކުރައްވައި ރާއްޖޭގެ އަމިއްލަ ޤައުމީ ޓީވީ ސްޓޭޝަނެއް އުފެއްދެވުމަށް ކުރީގެ ރައީސް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ ސުއްމުވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނު ޢަޒުމު ކަނޑައަޅުއްވައި، އެކަން ކާމިޔާބު ކުރެއްވިއެވެ. އެއީ 29 މާރޗް 1978 ގައެވެ. އެދުވަހު ޓީވީ ބްރޯޑްކާސްޓްކުރަން ފެށީ އެކަމަށް މަސައްކަތް ފެށިތާ އެންމެ 11 މަސްދުވަހުގެ ތެރޭގައި ސީދާ ރައީސް އިބްރާހީމް ނާޞިރުގެ ބެއްލެވުމުގެ ދަށުންނެވެ.

ރާއްޖޭގައި ޓީވީގެ ޚިދުމަތް ފެށި ދުވަސްވަރު ރާއްޖެއާއި ކައިރި ސަރަޙައްދީ ބައެއް ޤައުމުތަކުގައި ޓީވީގެ ޚިދުމަތް ދޭން ފަށާފައެއް ނުވެއެވެ. ޓީވީ މޯލްޑިވްސް އަކީ މިސަރަޙައްދުގައި އެންމެ ފުރަތަމަ ކުލަކޮށް ޓީވީގެ ޚިދުމަތް ފެށި ޗެނަލްވެސްމެއެވެ. ކުޑަކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ އެ ޤައުމުތަކަށްވުރެ މާ ދޮށީ ޚިދުމަތެއްގައި ގެނެސްދިނުމަށް އެމަނިކުފާނު ފެށްޓެވި ބުރަ މި މަސައްކަތުގެ ދަށުން، އެމަނިކުފާނު ޤާއިމްކޮށްދެއްވި ޢުމްރާނީ ތަރައްޤީގެ ކުލަވަރު އަދިވެސް ޓެލެވިޜަން މޯލްޑިވްސްއިން ފެންނަން އެބަހުއްޓެވެ. އެ އަސާސްތައް ފެނަން އެބަހުއްޓެވެ. އޭގެ ތެރޭގައި އެމަނިކުފާނު ޢިމާރާތްކޮށްދެވި ޓީވީގެ ޢިމާރާތާއި، ޓްރާންސްމީޓަރުތަކާއި، އިކްޕްމަންޓްތަކާއި، އެމަނިކުފާނު ހޯއްދެވި މައިގަނޑު ތަކެތި އަދިވެސް ދަނީ ބޭނުންކުރަމުންނެވެ. އެމަނިކުފާނު ރާއްޖޭގައި ޓީވީގެ ޚިދުމަތް ފެށްޓެވީ، އެތައް ޒަމާނަކަށް، ބިނާކުރަނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ވަރަށް ދުރު ވިސްނުންފުޅެއްގައެވެ.

އެދުވަހުން ފެށިގެން މިއަދާހަމައަށްވެސް ޓީވީއެމް ފެނިގެންދަނީ، އޭގެ ފުރިހަމަ ގޮތުގައި ޙަރަކާތްތެރިވަމުން، ފުޅާކުރަމުން، ވަރަގަދަކުރަމުން އަންނަ ޗެނަލެއްގެ ގޮތުގައެވެ. ޓީވީއެމް އަކީ ވަރަށް ބޮޑު ޚިދުމަތްތެރިއެކެވެ. ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭ ޚަބަރުތަކާއި، ދައުލަތުގެ މުހިންމު ޙާދިސާތަކާއި، ދައުލަތުގެ ޙަރަކާތްތައް އެންމެ ފުރިހަމަކޮށް ހުށަހަޅައިދެމުންދާ ފަރާތަކީވެސް އަދިވެސް ޓީވީއެމްއެވެ. ރަށްރަށުގެ ތިމާވެއްޓާއި، ސަޤާފަތާއި، މުނާސަބު ކުޅިވަރު އިވެންޓްތައް ރާއްޖޭގެ އެންމެންނަށާއި ދުނިޔޭގެ ގިނަބަޔަކަށް ދަނީ ދައްކައިދެމުންނެވެ.