ސިއްހަތު

އިންފުލުއެންޒާ ވެކްސިން އެތެރެކުރުމުގެ ފުރުޞަތު ހުޅުވާލައްވައިފި


ރާއްޖެއަށް ބޭސް އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް، އިންފުލުއެންޒާ ވެކްސިން އިމްޕޯޓްކުރުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީން ނެރުއްވި ޢިއުލާނެއްގައި ވިދާޅުވެފައިވަނީ، އިންފްލުއެންޒާ ވެކްސިން އަކީ "ރެސްޓްރިކްޓެޑް ފޮރ ނޭޝަނަލް ޕްރޮގްރާމްސް"ގެ ގޮތުގައި އެޕްރޫވްކޮށްފައިވާ ޑްރަގް ލިސްޓްގައި ގިންތި ކުރެވިފައިވާ ވެކްސިނެއް ނަމަވެސް، މިގޮތަށް ނިންމާފައިވަނީ މިވަގުތު ރާއްޖެއަށް މެދުވެރިވެފައިވާ ޚާއްސަ ހާލަތަށް ބެލުމަށްފަހު ކަމަށެވެ.

އިންފުލުއެންޒާ ވެކްސިން އިމްޕޯޓްކުރުމުގެ ފުރުޞަތު، ބޭސް އެތެރެކުރާ ފަރާތްތަކަށް ހުޅުވާލިނަމަވެސް، މި ވެކްސިން އިމްޕޯޓް ކުރުމުގެ ކުރިން ޤަވާއިދާއި އެއްގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީން ނަގަންޖެހޭ ހުއްދަތައް ނެގުމަށް އެ އޮތޯރިޓީން ވަނީ ބޭސް އެތެރެކުރާ ފަރާތްތަކަށް އަންގަވާފައެވެ. އަދި ވެކްސިން އުފުލާ ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ޚާއްސަކޮށް ވެކްސިނަށް ކަނޑައެޅިފައިވާ ފިނިހޫނުމިން ހިފެހެއްޓުމަށް ސަމާލުކަންދިނުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކުރައްވާފައެވެ.