ސިއްހަތު

ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން އައިޖީއެމްއެޗުގައި ފަށައިފި


ކުޑަކުދިންނަށް ފްލޫ ވެކްސިން ދިނުމުގެ ޚިދުމަތް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މިއަދު ފަށްޓަވައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، ފްލޫ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޢުމުރުން ހަ މަހާއި ތިރީސް ފަސްމަހާ ދެމެދުގެ ކުދިންނަށްކަމަށް. އެގޮތުން އެހޮސްޕިޓަލުގެ ކުޑަކުދިންގެ ޑިޕާޓްމަންޓުގައި މެންދުރު ދޭކުން ހަވީރު ފަހަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. ވެކްސިން ޖަހަން ދާއިރު، ވެކްސިން ކާރޑާއި، ކުއްޖާގެ އައިޑީކާރޑު ގެންދެވުމަށް އެހޮސްޕިޓަލުން އެދިވަޑައިގަންނަވައެވެ.

އައިޖީއެމްއެޗުގައި މީގެ ކުރިން އިންފުލުއެންޒާއަށް ވެކްސިން ދީފައިވަނީ މާބަނޑު މީހުންނަށް އެކަންޏެވެ. މިހާތަނަށް މާބަނޑު އަންހެނުންގެތެރެއިން އެއްހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އައިޖީއެމްއެޗްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުންވެސް ދަނީ ޢާންމުކޮށް ހުޅުވާލައިގެން ފްލޫ ވެކްސިން ޖަހައި ދިނުމުގެ ޚިދުމަތް ދެމުން. އިއްޔެގެ ނިޔަލަށް ހަހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އޭޑީކޭ އިން ބުނެއެވެ.

ވަކި ކެޓަގަރީތަކަކަށް ޚާއްސަކުރައްވައިގެން އިންފުލުއެންޒާއަށް ވެކްސިން ދިނުމުގެ ޚިދުމަތް އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް ، އޭޑީކޭ ، ދަމަނަވެށި، ސެނެހިޔާގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސްގައި ކުރިއަށް ގެންދަވައެވެ.

އެޗްވަންއެންވަން އިން ރަށްކާތެރިވުމަށް މާބަނޑުމީހުންގެ އިތުރުން ފަސް ބަޔަކަށް ޚާއްސަކުރައްވައިގެން ދަމަނަވެށިން ވެކްސިން ދޭން ފެށިފަހުން މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެއެވެ.

ދަމަނަވެށިން އިންފުލުއެންޒާ ވެކްސިން ދެމުން އަންނަނީ އެކި ސަބަބުތަކާއި ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި، ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި، އެބަލީގެ ފަރުވާ ފުރިހަމަކޮށްފައިވާ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ ޢުމުރުން ތިން އަހަރުން މަތީގެ މީހުންނާއި، ޑައިލަސިސް ހަދާ މީހުންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ.