ޚަބަރު

ނޫސަންދަ ކްލިނިކުގައި ޑައިގްނޯސްޓިކް ލެބެއް ހުޅުވައިފި


ހިތުގެ ބަލިތަކާއި ގުޅުންހުރި "ނޮން އިންވޭސިވް" ހުރިހާ ތަޙްލީލުތައް ކުރެވޭ ފެންވަރުގެ ޑައިގްނޯސްޓިކް ލެބެއް ފުލުހުންގެ ނޫސަންދަ ކްލިނިކްގައި ހުޅުއްވައިފިއެވެ. މި ލެބް ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ސިދާ ބެއްލެވުމުގެ ދަށުން ބަލީގެ ކުރީކޮޅު ފަސޭހަކަމާއެކު އެބަލި ދެނެގަތުމުގެ މަގުސަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޫސަންދަ ކްލިނިކްގައި ޤާއިމްކުރެއްވި ކާޑިއެކް ޑައިގްނޯސްޓިކް ލެބް ހުޅުވައްދެއްވީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މިލެބް މެދުވެރިކޮށް ފުލުހުންނާއި، ފުލުހުންގެ ޢާއިލާތަކުގެ އިތުރުން އާއްމު ރައްޔިތުންނަށް ވެސް ޚިދުމަތް ދެއްވާގޮތަށް ހަމަޖެހިފައިވާއިރު، ހިތުގެ ބަލިތައް ދެނެގަތުމަށް ބޭނުންވާ ތްރީޑީ އާއި ފޯޑީ އަލްޓްރާސައުންޑް ސްކޭނިންގެ ޚިދުމަތްވެސް މިލެބުން ލިބޭނެއެވެ.

img:http://s2.psmnews.mv/images/660x400/14907783030462.jpg|ޑައިގްނޯސްޓިކް ލެބޯޓަރީ ހުުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ހިތުގެ ބަލިތަށް ދެނެގަނެވޭފަދަ، ފެންވަރު ރަނގަޅު ލެބެއް ޤާއިމުވުމަކީ، ފުލުހުންނާއި، އާއްމު ރައްޔިތުންނަށްވެސް ލިބުނު އުފަލެއްކަމަށް އަދި، މިއީ ސިއްޙީ ދުޅަހެޔޮކަން ޤާއިމްކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ނިސްބަތް ރާއްޖޭގައި އިތުރުވެފައިވާއިރު، ދައުލަތުގެ އެކި މުއައްސަސާތައް މެދުވެރިވެގެން ދެއްވަމުންދާ ސިއްޙީ ޚިދުމަތްތަކުގެ ބޭނުން ހިފައި ރަނގަޅު ސިއްޙަތެއްގައި ދެމިތުބުމަށް ދުރާލައި ފިޔަވަޅު އަޅައިގެން ތިއްބެވުމަށް އެންމެހައި ރައްޔިތުންނަށް ހެލްތު މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ އަހަމިއްޔަތުކަން މިފަދަ އަގުހުރި ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމްކުރެއްވުމުން ހާމަވާކަމަށެވެ. ހަތް ސްޕެޝަލިސްޓުންނާއި، ހަތަރު ޖެނަރަލް ޑޮކްޓަރުންނާއެކު މީގެ ދެއަހަރުކުރިން ހުޅުވި ނޫސަންދަ ކްލިނިކުންދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެކިއެކި ބަލިތަކަށް ޚާއްސަ 18 ޑޮކްޓަރުން މިހާރު އެތަނުގައި މަސައްކަތްކުރައްވައެވެ. އަދި އިތުރު ޒަމާނީ ވަސީލަތްތައް އެ ކްލިނިކްގައި ޤާއިމްކުރައްވަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މަސައްކަތްކުރައްވަމުންނެވެ.