ކުޅިވަރު

މެޗުން ބަލިވިޔަސް، ސަޕޯޓަރުންގެ އެނބުރި އައުމުން ބޮޑު އުފަލެއް


ޤައުމީ ފުޓްބޯޅަ ޓީމް ފަލަސްޠީން އަތުން ވީ ބައްޔަކީ ދިވެހި ޓީމަށް އަދި ސަޕޯޓަރުންނަށްވެސް އޮތް މާޔޫސްކަމެކެވެ. އޭޝިޔަންކަމަށް ކޮލިފައިވުމަށް ފެށި ދަތުރުގައި އަމިއްލަ ދަނޑުގައި 3-0 ން ބަލިވިއިރު، ދެވަނަ ހާފްގައި ލަނޑުތައް ވަނުމުން ފުޓްބޯޅަ އާއިލާ މާޔޫސްވެއެވެ. ނަމަވެސް އެއަށްވުރެ ބޮޑު އުފަލަކީ ދިވެހި ސަޕޯޓަރުން ދިވެހި ޓީމްގެ ފަހަތުގައި ތިބުމެވެ.

ފުޓްބޯޅައިގެ ފޯރި ދަށް ދުވަސްކޮޅެއްގައި، އެފޯރި ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެކަމުގެ ހެޔޮ އަސަރު ފެނުމެވެ. ޓީމްގެ 12 ވަނަ ކުޅުންތެރިޔާ ރަނގަޅު ފޯމްގައި ކުޅުމަކީ ޤައުމީ ޓީމްގެ ކުރިއަށްހުރި މެޗުތަކަށް، ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް، އަދި މުޅި ފުޓްބޯޅައަށްވެސް އޮތް ހިތްހަމަ ޖެހުމެކެވެ. އިރުމަތީ ފަރާތު ސިޑިބަރި އޮތީ މުޅިން ފުރިފައެވެ. ގޮނޑިބަރިވެސް އޮތީ ފުލްވެފައެވެ. ދެކުނު ފަރާތު ސިޑިބަރީގެ މަތި އޮފީސް ކުންފުނިތަކުގެ ސަޕޯޓަރުން ވަދެ ފުރާލިއެވެ. ތިރިވެސް ސަޕޯޓަރުން ފަޅު ފިލުވާލަދިނެވެ. މަޖީދީމަގާވީކޮޅު ސިޑިބަރީގައި ޒުވާން ގްރޫޕަކުން މެދުނުކެނޑި ދިޔައީ ފޯރި ނަގަމުންނެވެ. އެސިޑިބަރީގެ ފަޅުކަންވެސް އޮތީ ފިލާފައެވެ. މުޅި ދަނޑުވެސް ޤައުމީ ޖަރޒީއާއި، ރަތް ކުލައާއި، ދިވެހި ދިދަ ފެނުނެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ފެނުނު ފަދަ ފޯރިއެއް ނުފެނުނު ނަމަވެސް ސަޕޯޓަރުންގެ ފަރާތުން ޓީމަށް ހިތްވަރު ދިނެވެ. އެއިޙުޞާޞް ދަނޑުމަތީގައި ތިބި ކުޅުންތެރިންނަށް ކުރިއެވެ.

img:http://s4.psmnews.mv/images/660x400/14907718685222.jpg|ގިނަ އަދަދެއްގެ އަންހެނުންވެސް ޤައުމީ ޓީމަށް ހިތްވަރުދިން: ފޮޓޯ-ޕީއެސްއެމް

އަޞްލު ވަރަށް ހިތްހަމަޖެހެއޭ ބުނެވޭނީ ސަޕޯޓަރުންގެ ސަޕޯޓާމެދު. އިތުރު އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާ ހާލަތެއްގައި، ދަރިން ސްކޫލަށް ގެންދަންވެސް ބޭނުން ނުވާ ހާލަތެއްގައި، ސިޔާސީ ހަރަކާތްތައްވެސް ގިނަ ދުވަސްވަރެއްގައި ސަޕޯޓަރުން ފުޓްބޯޅަ ބަލަން ވަދެފި. ޤައުމީ ޓީމަށް ހިތްވަރުދީފި. ފުޓްބޯޅައަށް އޮތް ފޯރި މިއީ. މުޅި ޓީމްގެ ނަމުގައި ސަޕޯޓަރުން ދެއވްި ހިތްވަރަށް ޝުކުރު އަދާކުރަން " މެޗުގައި ޤައުމީ ޓީމްގެ ކެޕްޓަންކަން ކުރި އަސްއަދު އަލީ (އަޑުބަރޭ) ބުންޏެވެ.

ސަޕޯޓަރުންގެ ވާހަކަ އެންމެ ގިނައިން ދައްކާ ކުޅުންތެރިއަކީ ޤައުމީ ޓީމްގެ ކުރީގެ ކީޕަރު އިމްރާން މުޙައްމަދެވެ. ޤައުމީ ޓީމްގެ އަންގި ބާލައި، ރޭ އޭނާ އަދާކުރީ ސަޕޯޓަރެއްގެ ދައުރެވެ. 12 ވަނަ ކުޅުންތެރިޔާގެ މުޙިންމުކަން ތާއަބަދު ހާމަކޮށްދޭ ކުޅުންތެރިޔާ އެކުޅުންތެރިޔާގެ ދައުރު އަދާކުރި ސަޕޯޓަރުންގެ ތެރޭގައި އިނދެއެވެ. މިހާލަތުގައިވެސް ދިވެހި ސަޕޯޓަރުން ދެއްކި ހިތްވަރަށް އިމްރާން ސާބަސްދެއެވެ.

img:http://s1.psmnews.mv/images/660x400/14907719395461.jpg|ރައީސުލްޖުމްހޫރިއްޔާއާއި، ބައެއް ވަޒީރުން މެޗު ބައްލަވާލައްވަނީ: ފޮޓޯ-ޕީއެސްއެމް

" ވަގުތާ ހާލަތަށް ބަލާއިރު ވަރަށް ރަނގަޅު ސަޕޯޓެއް ފެނުނީ. ސަޕޯޓަރުންގެ އަދަދު ވަރަށް ރަނގަޅު. އެންމެ ފުރިހަމަ ސަޕޯރޓް ނުފެނުނަސް ހަމަ ވަރަށް ހިތްހަމަޖެހޭ. " ޤައުމީ ޓީމަށް 17 އަހަރު ކުޅެފައިވާ ކީޕަރު ބުންޏެވެ.

މެޗު ޕްރޮމޯޓްކުރުމަށް އެފްއޭއެމްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ފާހަގަކުރަން ޖެހެއެވެ. ޓީމްގެ ކުޅުންތެރިން ބޭނުންކޮށްގެންނާއި، އެނޫން ގޮތްގޮތުން މެޗު ޕްރޮމޯޓްކުރަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ސީދާ އެއިދާރާއިން މެޗު ޕްރޮމޯތައް ހަދައި ޗެނަލްތަކަށް ފޯރުކޮށްދިނެވެ. ސޯޝަލް މީޑިއާގައި އިންތިހާއަށް މެޗު ޕްރޮމޯޓްކޮށް، ބައެއް ހަރަކާތްތައްވެސް ކުރިއަށްގެންދިޔައެވެ. ނަތީޖާ ރަނގަޅުކަމަށް އެއިދާރާއިން ދެކެއެވެ.

img:http://s4.psmnews.mv/images/660x400/14907719874793.jpg|ފަލަސްޠީންގެ ސަޕޯޓަރުންވެސް މެޗު ބަލަން ވަދެ ޓީމަށް ހިތްވަރުދިން: ފޮޓޯ-ޕީއެސްއެމް

" މިކުރެވުނު މަސައްކަތާއި، މަސައްކަތްކުރަށް ލިބުނު މުއްދަތާއި، މިމާހައުލާ ބަލާއިރު ވަރަށް ރަނގަޅު ނަތީޖާއެއް މިފެނުނީ. މީގެން އެނގިގެން މިދިޔައީ ބަޔަކު މަސައްކަތްކޮށްފިނަމަ ނަތީޖާ ފެންނާނެކަން. ކުންފުނިތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން މިދިޔައީ. ކުންފުނިތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރަން. ރޯގާގެ ސަބަބުން ރޯޑް ޝޯވ ފަދަ ބައެއް ހަރަކާތްތައް ކެންސަލް ކުރަންވެސް ޖެހުނު. ރޯގާގެ ސަބަބުން ބައެއް މީހުން ދަނޑަށް ނުވަންނަކަންވެސް ފާހަގަކުރެވޭ. އެކަމަކުވެސް ނަތީޖާ މިފެނުނީ ވަރަށް ރަނގަޅަށް " އެފްއޭއެމްގެ ފަރާތުން މާރކެޓިންގ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ އެއިދާރާގެ ނައިބުރައީސް އައިޝަތު ނާޒިމާ ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14907720288209.jpg|ޒުވާން ގްރޫޕްތަކުން ދަނޑެއް ވަދެ ޓީމަށް ރަނގަޅު ސަޕޯޓެއްދިން: ފޮޓޯ-ޕީއެސްއެމް

މިއީ ފެށުމެއްކަމަށް ބަލައި، މިގޮތުންގައި ކުރިއަށް ދެވިއްޖެނަމަ ގެއްލިފައިވާ ފޯރި އަލުން ގެނެސް ރަނގަޅު ނަތީޖާތަކަކާ ހަމައަށް ދެވިދާނެއެވެ. ޕްރްމޯޝަނަލް މަސައްކަތްތަކެއް ކުރެއްވިއްޖެނަމަ ނަތީޖާ ރަނގަޅުވާނެކަމުގެ ހެކި މިއޮތީ ފެންނާށެވެ.