ޚަބަރު

ފުލުހުންގެ މަސައްކަތްތައް ބަލާލެވޭނެ އަރުޝީފެއް ތަޢާރަފްކޮށްފި


ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދެއްވަން ފެއްޓެވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ފުލުހުން ކުރައްވާފައިވާ އެންމެހާ މަސައްކަތްތައް ފަސޭހައިން ބަލާލެވޭނެ ގޮތަކަށް ގިނަދުވަހަށް ރައްކާތެރިކޮށް ބެލެހެއްޓެވުމަށްޓަކައި އަރުޝީފެއް އިފްތިތާޙުކުރައްވައިފިއެވެ. 

އަރުޝީފު އިފްތިތާޙުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފްއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސުން އިފްތިތާޙްކުރެއްވި މި އަރުޝީފަކީ ފުލުހުންނާއި ގުޅުހުން ހުރި އެކި އެކި ލިޔެކިޔުންތަކާއި، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތި ރައްކާތެރިކަމާއެކު ގިނަ ދުވަހަށް ދެމެހެއްޓުމުގެ މަގުސަދުގައި އެއިދާރާގެ އިންޓްރާނެޓްގައި ތައްޔާރުކުރައްވާފައިވާ އަރުޝީފެކެވެ. މި އަރުޝީފުގައި ފުލުހުން ކުރައްވާފައިވާ މަސައްކަތްތައް ފެންނަ ތިން ހާސް ޓައިމްލައިން މިހާރުވެސް ތައްޔާރުކުރައްވާފައިވެއެވެ.

މީގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ފުލުހުން ކުރައްވާ މަސައްކަތްތަކުގެ ބޭނުންކުރާ ސާމާނުތައް ދުވަހުން ދުވަހަށް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނަރަލް މުޙައްމަދު ޝާތިރު ވިދާޅުވީ، 1933 ގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެއްޓެވި ނަމަވެސް ރާއްޖެ ޤައުމެއްގެ ގޮތުގައި އުފެދުނީއްސުރެ، އަމަން އަމާންކަން ޤާއިމްކުރާނެ ބަޔަކު އުފައްދާފައިވާނެކަމަށެވެ.

އެންމެ ރަނގަޅަށް ލިޔެކިއުން ބަލަހައްޓަވާ މުއައްސަސާއަކަށް ޤައުމީ އަރުޝީފުން ދެއްވާ "ފުރޭފު އެވޯޑް" މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ވަނީ މި ރަސްމިއްޔާތުގައި ހަވާލުކުރައްވާފައެވެ.