ކުޅިވަރު

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން އެކަނި - ޑަރެން ސްޓެވާޓް


ފަލަސްތީން އަތުން ބަލިވުމުގެ ޒިންމާ ނަގަންޖެހޭ ހަމައެކަނި މީހަކީ އޭނާކަމަށް ޤައުމީ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ.

ރޭ އޭޝިޔަންކަޕް ކޮލިފައިންގައި ފަލަސްޠީން އަތުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ޓީމްގެ ކޯޗް ސްޓެވާޓް ބުނީ ކުޅުންތެރިން މެޗުގައި ވަރަށް މަސައްކަތްކުރިކަމަށާއި، މެޗުން ބަލިވުމުގައި އެ ކުޅުންތެރިންގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

ކުޅުންތެރިން ވަރަށް ހިތްވަރުކުރިކަމަށާއި، ފަލަސްތީނުން ގޯލް ޖެހީ ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ގެއްލިގެން ދިޔަ ވަގުތުކޮޅެއްގައިކަމަށް ކޯޗު ބުންޏެވެ.

"މީގެ ޒިންމާ ކުޅުންތެރިން ނަގާކަށް ނުޖެހޭ، އެފް.އޭ.އެމްއިން ވެސް ނަގާކަށް ނުޖެހޭ، ކުޅުންތެރިންވެސް ވަރަށް ހިތްވަރުކުރި، ބަލިވުމުގެ ޒިންމާ އަހަރެން ނަގަން" ސްޓީވާޓް ބުންޏެވެ.

ސްޓެވާޓް ބުނީ ފަހަރެއްގައި އޭނާއަށް ބަދަލު ގެނެވުނުލެއް ތަންކޮޅެއް ލަސްވެދާނެކަމަށާއި، އެކަން އަވަހަށް ކުރެވުނުނަމަ މެޗުގެ ނަތީޖާ ބަދަލުކުރެވުމުގެ ފުރުޞަތެއް ފަހަރެއްގައި އޮތްކަމަށް ގަބޫލްކުރާކަމަށެވެ.

ކޯޗް ބުނީ ފަލަސްތީން އަތުން މޮޅުނުވެވުނުނަސް މެޗަށް ނިކުތީ ޕޮއިންޓެއް ލިބޭނެކަމުގެ ވަރަށް ބޮޑަށް އުންމީދުގައިކަމަށެވެ.

ފަލަސްތީން މެޗުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ މުޙައްމަދު ރަޝީދު (ހޮކޭ) ކުޅެފައެއް ނުވެއެވެ.

ކޯޗް ބުނީ ހޮކޭ ބޭނުން ނުކުރީ ނޭވާލުމުގެ މައްސަލަތަކެއް ހުރުމުން ރިސްކް ނަގަން ބޭނުންނުވާތީކަމަށެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ އޮމާނާއި ބޫޓާނެވެ.

ކޯޗް ބުނީ އަދި އުންމީދު ގެއްލުވައިނުލާނެކަމަށާއި، ބޫޓާން އަތުން ކޮންމެހެންވެސް ހަ ޕޮއިންޓް ބޭނުންކަމަށެވެ.

ފަލަސްތީންގެ ކޯޗް އަބްދުއް ނާސިރު ބަރަކާތް ބުނީ މެޗުގެ ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. ފަލަސްތީނުގެ ކޯޗް ބުނީ މެޗުގައި ބަދަލު ގެނައީ ވަރަށް ބޮޑަށް ވިސްނައިގެންކަމަށާއި، އެ ބަދަލުތައް ވަރަށް ރަނގަޅަށް މަސައްކަތްކުރިކަމަށެވެ.

އަބްދުއް ނާސިރު ބުނީ ރާއްޖެއިން ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނުކަމަށާއި، އެކަމަކު ފަލަސްތީނަށް މެޗުގައި ގިނަ ފުރުޞަތުތައް ލިބުނުކަމަށެވެ.

ފަލަސްތީންގެ ކޯޗް ބުނީ ރާއްޖެއާއި ފަލަސްޠީނަކީ ވަރަށް އެކުވެރި ދެ ޤައުމުކަމަށާއި، ރާއްޖެއިން ލިބުނު މެހެމާންދާރީއަށް ޝުކުރު އަދާކުރާކަމަށެވެ.

ރޭގެ ކޮލިފައިންގ މެޗު ފަލަސްޠީން ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި ފަލަސްޠީންގެ ތިން ލަނޑުވެސް ދެވަނަ ހާފްގައި ޖެހީ ބަދަލުކުޅުންތެރިންނެވެ.