ކުޅިވަރު

ދެވަނަ ހާފްގެ 3 ލަނޑުން ފަލަސްޠީން ކުރި ހޯދައިފި


2019 ވަނަ އަހަރުގެ އޭޝިއަންކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފައިންގ ރައުންޑްގައި ރާއްޖޭގެ ޤައުމީ ޓީމް ކުޅުނު ފުރަތަމަ މެޗުގައި މިރޭ ފަލަސްޠީން އަތުން ބަލިވެއްޖެއެވެ. މެޗު ފަލަސްޠީން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. 

ރާއްޖޭގެ ޤައުމީ ޓީމް ކޮޅަށް ފަލަސްޠީންގެ 3 ލަނޑުވެސް ދެވަނަ ހާފްގައި ޖެހީ ބަދަލު ކުޅުންތެރިންނެވެ. ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ 18 ނަމްބަރު ކުޅުންތެރިޔާ އަހުމަދުއެވެ. ފުރަތަމަ ލަނޑު 61 ވަނަ މިނިޓްގައި އޭނާ ޖެހީ ގޯލް އޭރިޔާ ކައިރިން ގޯލްގެ އިރުމަތީ ކަނަށް ފޮނުވާލައިގެންނެވެ. އޭގެ ދެ މިނިޓްފަހުން ދެވަނަ ލަނޑު ޖެހީ ގޯލް ކުރިމަތިން ގޯލް އޭރިޔާ ރޮނގާ ހިސާބުންނެވެ. ފަލަސްޠީންގެ ތިންވަނަ ލަނޑު އިތުރުވަގުތުގައި ޖެހީ 12 ނަމްބަރު ކުޅުންތެރިޔާ އަހުމަދު އަބުނާހިއާއެވެ.

img:http://s3.psmnews.mv/images/660x400/14907256458473.jpg|ފަލަސްޠީން ކުޅުންތެރިއަކު މިރޭ ރާއްޖޭގެ ނާއިޒު ކައިރިން ނައްޓާލަނީ: ފޮޓޯ-ޕީއެސްއެމް  

ފުރަތަމަ ހާފް ފަށައިގެން ރަނގަޅަށް ކުޅެވޭތޯ މަސައްކަތްކުރި ރާއްޖޭގެ ޓީމުން އަލީ ފާސިރު ވަނީ 15 ވަނަ މިނިޓްގައި ރަނގަޅު ހިލޭ ޖެހުމެއް ފޮނުވާލާފައެވެ. އެބޯޅަ މަތަކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލީ ފަލަސްޠީންގެ ކީޕަރެވެ. ރާއްޖޭގެ ޓީމުން މެޗު ފެށި އަލީ ފާސިރުއާއި، އަސްއަދު އަލީއާއި، އަސަދުﷲ އަބުދުﷲއާއި މުޙައްމަދު އުމެއިރު އަދި އަހުމަދު އިމާޒު ގުޅިގެން ހަމަލާތައް އުފެއްދުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. 89 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިޔާ ނާއިޒު ހަސަން ބޯޅައާއެކު އޭރިޔާ ތެރެއަށް ވަދެ، ފަލަސްޠީންގެ ޑިފެންޑަރު ކައިރިން ނައްޓާލި ބޯޅަ ބޭނުން ނުކުރެވުނީ ތަންކޮޅެއް ބާރުވުމުންނެވެ. 

img:http://s3.psmnews.mv/images/660x400/14907255585285.jpg|މިރޭގެ މެޗުގައި ދިވެހި ސަޕޯޓަރުން ރަތް ޖަރޒީގައި ޓީމަށް ހޫނުތަރުހީބެއް ދިން: ފޮޓޯ-ޕީއެސްއެމް

ދެވަނަ ހާފްގައި ކޯޗު ސެޓްވާޓް ވަނީ ކުރިއަށް ކުޅުނު ކުޅުންތެރިންގެ އަސަދުﷲއާއި އަހުމަދު އިމާޒުގެ ބަދަލުގައި ނާއިޒު ހަސަންއާއި ހުސެއިން ނިޔާޒު މުޙައްމަދު ކުޅެން ނެރެފައެވެ. އަދި މެދުތެރެއިން ކުޅެމުންދިޔަ މުޙައްމަދު އުމެއިރުގެ ބަދަލުގައި އިސްމާއީލް އީސާ ކުޅެން ނެރުނު ނަމަވެސް ހަމަލާ އުފެއްދުމުގައި ދިވެހި ޓީމަށް ވަނީ ނާކާމިޔާބުވެފައެވެ. 

ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންނާއެކު ކުރިއަށްދިޔަ މިރޭގެ މެޗު ބައްލަވާލެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްވެސް ވަޑައިގެންނެވިއެވެ.

img:http://s4.psmnews.mv/images/660x400/14907255225437.jpg|ރައީސުލްޖުމްހޫރިއްޔާ މިރޭގެ މެޗު ބައްލަވާލައްވަނީ: ފޮޓޯ-ޕީއެސްއެމް

މިގްރޫޕްގައި ހިމެނޭ އޮމާނާއި ބޫޓާން ވާދަކުރި މެޗު މިރޭ އޮމާންގައި ކުޅެ އޮމާން ކާމިޔާބުކުރީ 14-0 ލަނޑުންނެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ޖޫން 13 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ނިކުންނާނީ އެޤައުމުގައެވެ. ރާއްޖޭގެ ތިންވަަނަ މެޗުގައި ސެޕްޓެމްބަރު 5 ވަނަ ދުވަހު އޮމާނާ ދެކޮޅަށް ނިކުންނާނީ އޮމާންގައެވެ.