ޚަބަރު

ޕީއެސްއެމްގެ ދައުވަތަކަށް ކެސީ ރާއްޖެ އަތުވެއްޖެ


އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ޤައުމަކަށް ޒިޔާރަތްކުރުމުގެ ރެކޯޑް ޤާއިމްކޮށްފައިވާ، ކަސެންދުރަ ޑި ކެޕޯލް ޕީއެސްއެމްގެ ދައުވަތަކަށް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ކެސެންދުރާ ރާއްޖެ އައީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އޭނާއަށް ޕީއެސްއެމްގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ކަސެންދުރަ ޑި ކެޕޯލް ނުވަތަ ކެސީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި ޑެއުޕިއުޓީ މޭނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމާއި، ޗީފް އޮޕަރޭޝަންސް އޮފިސަރ މުޙައްމަދު ސަޢީދުގެ އިތުރުން ޕީއެސްއެމްގެ އީ-ކޮމަރސް އެންޑް މަރކެޓިންގެ ހެޑް އިބްރާހީމް ނަޞްރީނެވެ. img:http://s2.psmnews.mv/images/660x400/14907182516940.jpg|ކެސީ އަދި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް - ފޮޓޯ: މުޙައްމަދު ވަޙީދު / ޕީއެސްއެމް

ޕީއެސްއެމްގެ ދަޢުވަތަކަށް ކެސީ ރާއްޖެއަށް މިކުރާ ދަތުރުގައި އޭނާ ތަޖުރިބާއާ ގުޅޭގޮތުން ދިވެހި ޒުވާނުންނަށް ޢިބްރަތް ޙާޞިލުކުރެވޭނެ ލެކްޗަރއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ކެސީ ރާއްޖެއަށް މިކުރާ ދަތުރާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ ދިވެހި ޒުވާނުންނަށް ޚާއްޞަ ލެކްޗަރއެއް ދިނުމުގެ އިތުރަށް، ކެސީގެ މި ދަތުރުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓުވެ އިޝްތިހާރުވެގެންދާނެ ކަމަށެވެ.

"ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފަ ހުރި، ވަރަށް ޒުވާން، ވަރަށް ޗެލެންޖިންގ ކަމެއްކުރި ކުއްޖެއް ރާއްޖެ ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހި ޒުވާނުންވެސް ޗެލެންޖުތަކާއި ކުރިމަތިލާ މިކަން ކުރެވޭނެކަން ޒުވާނުންނަށް ހާމަކޮށްދިނުން. ރޭވިފަ އެބައޮތް ޙާއްސަ ލެކްޗަރއެއް ކެސީ ދިނުމަށް، އޭނަގެ ދަތުރުތަކުގެ ތަޖްރިބާއާ ގުޅޭގޮތުން. މީގެއިތުރުން، ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ މަގުތައް ފަހި ކުރުމަކީ ޕަބްލިކް ސަރވިސް މީޑިއާގެ ބޭނުމެއް. ދިވެހި ޤައުމު ޕްރޮމޯޓުކުރުމަށް ޕީއެސްއެމުން މިހާރު މަސައްކަތްކުރަމުން ދަނީ ހަމައެކަނި ރާއްޖޭގެ އެތެރޭގައެއް ނޫން، ރާއްޖެއިން ބޭރު ޤައުމުތަކުގައި ރާއްޖޭގެ އަގު އުފުލުމާއި އަޑު އުފުލުމަށް ޕީއެސްއެމުން އަންނަނީ މަސައްކަތްކުރަމުން" އިކްރާމް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14907184609201.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް - ފޮޓޯ: މުޙައްމަދު ވަޙީދު / ޕީއެސްއެމް

އިކްރާމް ވިދާޅުވީ ކެސީގެ މިދަތުރުގައި ރާއްޖޭގެ ބައެއް އިސްބޭފުޅުންނާ އޭނާ ބައްދަލްކުރާނެ ކަމަށާއި އަދި ކުރިމަގުގައި ކެސީއާއި ޕީއެސްއެމް ގުޅިގެން ބައެއް ކަންތައްތައް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ލެކްޗަރއެއް ދިނުމުގެ އިތުރަށް، ރާއްޖޭގެ ބައެއް އިސްބޭފުޅުންނާއި އޭނަ ބައްދަލުކުރާނެ، އަދި ރާއްޖޭގެ ބައެއް ތަންތަނަށް އޭނަ ޒިޔާރަތްކުރާނެ، އޭގެއިތުރުން ޕީއެސްއެމްގެ ވެރިންނާއި ބައްދަލުކުރައްވާނެ. އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ޕީއެސްއެމްއާ ކެސީއާ ގުޅިގެން ބައެއް ކަހަލަ ކަންތައްތައް ރޭވުމަށް" އިކްރާމް ވިދާޅުވިއެވެ.  

ކެސީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ކުރި ދަތުރުގައި އޭނާއަށް އެންމެ ކަމުދިޔަ 10 ޤައުމުގެ ލިސްޓްގައި ރާއްޖެ ވަނީ ހިމަނާފައެވެ. އޭނާގެ މި ލިސްޓާއެކުވެސް ރާއްޖެއަށް ވަނީ އިތުރު މައްޝޫރުކަމެއް ލިބިފައެވެ.

ކެސީ ބުނީ ރާއްޖެއަށް އައުމަށް އޭނާއަށް ޕީއެސްއެމްއުން ދަޢުވަތު ދިނުމުން ފުރަތަމަ ޤަބޫލުވެސް ނުކުރެވުނު ކަމަށް، އެއާއެކު އޭނާ ހުރީ ރާއްޖެ އައުމަށް ކެތްމަދުވެފައި ކަމަށެވެ. img:http://s1.psmnews.mv/images/660x400/14907181845390.jpg|ކެސީ ޕީއެސްއެމްއަށް އިންޓަރވިއު ދެނީ - ފޮޓޯ: މުޙައްމަދު ވަޙީދު / ޕީއެސްއެމް

"ފުރަތަމަ ޤަބޫލެއްވެސް ނުކުރެވުނު، ލިބުނީ ހައިރާން ކަމެއް، ވަރަށް އެކްސައިޓުވި ރާއްޖެއަށް އައުމަށް ދައުވަތު ލިބުނީމަ" ކެސީ ބުނިއެވެ.

ކެސީ ބުނީ އޭނާގެ ތަޖުރިބާއާ ގުޅޭގޮތުން ދިނުމަށް ހަމަޖެހިފައިވާ ލެކްޗަރގައި އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކާއި އޭނާ ކުރިމަތިލީ ގޮތް ކިޔައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކެސީގެ މިދަތުރަކީ 6 ދުވަހުގެ ދަތުރެކެވެ. އޭނާ ހުންނަނީ ހަމަޖެހިފައިވަނީ ސަންސިޔާމް އިރުފުށީގައެވެ. ކެއިސީއަކީ ޒުވާނުނަށް ހުރި ނަމޫނާއެއްކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. 18 މަހާއި، 26 ދުވަހުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ޤައުމަކަށް ޒިޔާރަތް ކުރުމަކީ އަންހެނަކަށް ފަސޭހަކަމެއް ނޫނެވެ. އެހެންނޫންނަމަ، މިގޮތަށް ދުނިޔޭގެ ހުރިހާ ޤައުމަކަށް ދަތުރުކުރާ މީހުންގެ ޢަދަދު ގިނަވާނެއެވެ.

ކެސީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ޒިޔާރަތްކުރުމުގެ ދަތުރު ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެކްސްޕެޑިޝަން 196 ގެ ނަމުން، ކެސީ ފެށި މި ދަތުރަށް އޭނާ ވަނީ 10،000 އެމެރިކާ ޑޮލަރު ސޭވްކޮށްފައެވެ. މި ދަތުރަށް އިތުރަށް ހޭދަވި އެއްސަތޭކަ ނުވަދިހަ އަށްހާސް ޑޮލަރު ކެސީ ހޯދާފައިވަނީ ސްޕޮންސަރުންގެ އަތުންނެވެ. img:http://s1.psmnews.mv/images/660x400/14907182905414.jpg|ކެސީ، ޕީއެސްއެމްގެ ބައެއް ވެރިންނާއެކު - ފޮޓޯ: މުޙައްމަދު ވަޙީދު / ޕީއެސްއެމް

މިއީ މި ކުޅަދާނަ އަދި ހިތްވަރުގަދަ ޒުވާނާ ދުނިޔޭގެ ހުރިހާ ޤައުމަކަށް ކުރު މުއްދަތެއްގައި ކުރި ދަތުރަށްފަހު މިފަދަ ޙަރަކާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި ޒުވާނާ ރާއްޖެ ގެނައުމަށް ޕަބްލިކް ސަރވިސް މީޑިއާއިން އިސްކަންދިނީ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް، އެކަމުން ރާއްޖޭގެ އިޤްތިޞާދަށާއި ޢާންމު ފަރުދުންނަށް ލިބޭ މަންފަ އިތުރު ކުރުމަށެވެ. އަދި ރާއްޖެއަކީ ޒުވާނުންގެ އާބާދީ ބޮޑު ޤައުމަކަށްވެފައި، ރާއްޖޭގެ ޒުވާނުންގެ ކުރިއެރުއްވުމަށާއި އެމީހުންގެ ބާރުވެރިކަން އިތުރުކުރެއްވުމަށް ހިއްވަރުދެއްވައި ނަމޫނާ ދައްކަވައި މަގުދެއްކެވުމަށް ސަރުކާރުން ކުރައްވާ ޤައުމީ މަސައްކަތަށް އިތުރަށް ވާގިވެރިވުމަކީވެސް، މުރާލިކަމާއި ހިއްވަރާއި ޢަޒުމް ވަރުދަގަދަ މި ޒުވާނާ ރާއްޖެ ގެނައުމުގެ މުހިންމު މަޤްޞަދެކެވެ.