ވިޔަފާރި

މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް ފަށަނީ


ކްލޮމްބޯގެ ރަތަމަލާނާ އެއަރޕޯޓުގެ މަރާމާތުގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މޯލްޑިވިއަންގެ ދަތުރުތައް ސްރީލަންކާއަށް ފަށާނެކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިށް ކޮލަމްބޯއަށް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ، މި މަހު ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ނިމަލް ސިރިޕާލަ ޑިސިލްވާއާ ބައްދަލު ކުރައްވައި ބޭއްވެވި މަޝްވަރާތަކަށްފަހުއެވެ. ރަތަމަލާނާ އެއަރޕޯޓަކީ، ސްރީލަންކާގެ ފުރަތަމަ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. ނަމަވެސް ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމާއެކު، ރަތަމަލާނާ އެއަރޕޯޓު ބޭނުންކުރަމުން އައިސްފައިވަނީ، ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައެވެ. އަދި މިހާރު އެއަރޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ނުބާއްވާތާ ވަނީ 50 އަހަރުވެފައެވެ.

އެހެންކަމުން މޯލްޑިވިއަންގެ ދަތުރުތައް ރަތަމަލާނާ އެއަރޕޯޓަށް ފެށުމަށްޓަކައި އެއަރޕޯޓުގެ އިންފްރާސްޓްރަކްޗަރއަށް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމާއި ގުޅޭ މަސަކަތްތައް ސްރީލަންކާ ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ. އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް ހާރިސް ވިދާޅުވީ، ސްރީލަންކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި ފަށައިގަންނައިރު، ސްރީލަންކާއަށް ކުރާނީ ހަފްތާއަކު ތިން ދަތުރު ކަމަށާއި، ލިބޭ ތަރުޙީބަށް ބެލުމަށްފަހު ކޮންމެ ދުވަހަކު އެއް ފްލައިޓު ލަންކާއަށް އޮޕަރޭޓް ކުރަން ވިސްނާފައިވާ ކަމަށެވެ.

ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓަށްވުރެ ރަތަމަލާނާ އެއަރޕޯޓާއި ކްލޮމްބޯ ސިޓީއާ ކައިރިއެވެ. އެހެންކަމުން ސްރީލަންކާއަށް ދާ ދިވެހިންނަށް ދަތުރުފަތުރުކުރުމަށް މި އެއަރޕޯޓުން ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.