ޚަބަރު

"މަޖިލީހުގެ މަސައްކަތައް ހުރަސްއަޅާނަމަ އެ ފުރުޞަތު ހަނިކުރާނަން"


ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ނާއިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުމެއްނެތި ހުށައަޅާ، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާނަމަ ޤާނޫނީ އިމުގެ ތެރެއިން އެފުރުޞަތު ހަނިކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ. ނިޙާން މިހެން ވިދާޅުވީ، ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ނާކާމިޔާބުވުމުން އަނެއްކާވެސް އެމައްސަލަ މަޖިލީހަށް ހުށައަޅާނެކަމަށް އިދިކޮޅު ފަރާތަކުން ވަނީ ބުނެފައެވެ. އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ރައްދުދެދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސައިން މަނިކް ވިދާޅުވީ، މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ޖެހިޖެހިގެން ހުއްޓުމެއްނެތި ހުށައެޅުމަކީ، މަޖްލީޙުގެ މަސައްކަތަށް ހުރަސްއަޅާ މަޖިލިސް ހުއްޓުވުންކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށް ވާނީ، މަޖިލީހުގެ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެގެންދިއުންކަމަށް ނިޙާން ވިދާޅުވިއެވެ. އަދި ބޭނުންވާ ވަގުތަކު ރައީސްއާއި ނާއިބު ރައީސްގެ މައްސަލަ ހުށައެޅުންފަދަ ކަންކަމުގެ ފުރުޞަތު ހަނިކުރަން ޖެހިދާނެކަމަށް ނިހާން ވިދާޅުވިއެވެ.

ނިޙާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ މަޖިލީހުގެ މަސައްކަތްތައް ހަލަބޮލިކޮށްލާ މަޖިލީހުގެ ތެރެއިން ރާއްޖޭގެ ތަރީއްޤީއާއި ރައްޔިތުންގެ ހެވާ ލާބައަށް ސަރުކާރުން ކުރައްވާ މަސައްކަތްތަށް ހުރަސްއަޅާ ހުއްޓުވާލުންކަމަށެވެ.

މަޖިލީހުގެ ރައީސްގެ ވޯޓު ކާމިޔާބުކުރި ފަދައިން ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަވެސް ކާމިޔާބުކުރާނެކަމަށް ނިހާން ވިދާޅުވިއެވެ. އަދި މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު އޮތްކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މުސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓްގެ ނެގުން އަންނަ މަހުގެ 11 ވަނަދުވަހު ބޭއްވުމަށް ރައްޔިތުން މަޖިލީހުން ވަނީ ތާވަލްކުރައްވާފައެވެ.