ޚަބަރު

ހަޤީޤަތާ ޚިލާފް ޚަބަރު ނުފެތުރުމަށް އިލްތިމާސް ކުރައްވައިފި


ރާއްޖޭގެ ސަލާމަތީ ބާރުތަކުން ސެކިޔުރިޓީ ބަލަހައްޓަވާ ކޮންމެ މަރުކަޒަކަށް އަދި ކޮންމެ ތަނަކަށް ބޭނުންފުޅު ކޮންމެ ވަގުތެއްގައި ޗީފް އޮފް ޑިފެންސް ފޯސްއަށް ވެދެވަޑައިގެންނެވޭނެކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީން މިހެން ވިދާޅުވީ  ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރަ ޖެނެރަލް އަހުމަދު ޝިޔާމް ދަންވަރުގެ ވަގުތެއްގައި ރައްޔިތުން މަޖިލީހުގެ އިދާރާއަށް ވެންނެވިކަމަށް ބުނެ ބައެއް ފަރާތްތަކުން ޝޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރާ ގުޅޭ ގޮތުން އެ މިނިސްޓްރީން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ.

ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެގޭގެ ގޯތިތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަވަނީ ސަލާމަތީ ޚިދުމަތްތަކުންނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުންނެވެ.

ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިފާޢީ ކަންތައްތައް ހިންގުމާއި، ސިފައިންގެ ދައުރު  އަދާކުރުމުގެ އެންމެހައި ކަންކަން ރާވައި ދުވަހުން ދުވަހަށް ހިންގާ ބެހެލެއްޓުމުގެ އެންމެ އިސްވެރިޔަކީ، އަދި ސިފައިންގެ އަސްކަރީ ބާރުތަކުގެ ކޮމާންޑަރަކީ ޗީފް އޮފް ޑިފެންސް ފޯސްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އޮތް ދުވަހުގެ ކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައި ޗީފް އޮފް ޑިފެސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތްކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި، ނުތަނަވަސްކަން އުފެދޭގޮތަށް ބައެއް މީޑިއާތަކުން ޚަބަރުތައް ފަތުރާފައިވެއެވެ.

މިކަމަށް ރައްދުދެއްވައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ނެރުއްވި ބަޔާނުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ޤާނޫނުއަސާސީން ސިފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެއްކަމުން، ސިފައިންގެ ދައުރު އަދާކުރުމުގެ އެންމެހައި ކަންކަން ރާވައި، ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސްވެރިޔަކަށް ހުންނަވަނީ ޗީފް އޮފް ޑިފެންސް ފޯސްކަމުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޗީފް އޮފް ޑިފެންސް ފޯސް ބޭނުންފުޅު ކޮންމެ ވަގުތަކު ވެދެވަޑައިގެންނެވޭނެކަމަށެވެ. އަދި ސިފައިން ސެކިއުރިޓީ ބަހަލައްޓަވާ ކޮންމެ މަރުކަޒަކަށް ބޭނުންފުޅު ކޮންމެ ވަގުތަކު ވަދެވަޑައިގަތުމަކީ ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިވަޑައިގެންވާ ޤާނޫނީ އިޚްތިޔާރެއްކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާ ގެއާއި، ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތްތަކުގެ ސެކިއުޓީ ބެހެއްޓެވުމުގެ ކަންކަން އެމް.އެން.ޑީ އެފުން ކުރެއްވި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ހިނގާ ކަންތައްތަކާ ގުޅިގެން، ތަޅުމުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަވާނީ ރިޔާސަތުން އަންގަވާ ގޮތެއްގެ މަތިން ސާޖެންޓް އެޓް އާރމްސްއެވެ. މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ވަގުތު މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަތުމުގެ ބާރު ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިވަޑައިގެންފައި ނުވިނަމަވެސް، އެމް.އެން.ޑީ.އެފުން ސަލާމަތީ ކަންކަން ބަލަހައްޓަވާ ރައްޔިތުންގެ މަޖިލީހަށް ބޭފުޅުކޮންމެ އިރަކު ވެދެވަޑައިގަތުމުގެ ބާރާއި އިޚްތިޔާރު ޗީފް އޮފް ޑިފެންސް ފޯސްއަށް، ޤާނޫނުއަސާސީއާއި ސިފައިންގެ ޤާނޫނުން ލިބިދީފައިވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ދަންވަރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެދެވަޑައިގެންނެވިކަމަށް ބުނެ، އެއީ ޤާނޫނާ ޤަވާއިދާ ޚިލާފަށް ކުރި ޢަމަލެއް ކަމަށް، ނުވަތަ ކޮށްގެން ނުވާނެ ކަމެއްކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ޚަބަރުތައް ފަތުރާފައިވެއެވެ. މިއީ ރައްޔިތުންގެ ހިތްތަކުގައި ސަލާމަތީ ބާރުތަކުގެ އިސްވެރިންނާމެދު ނަފުރަތާއި، ދެކޮޅުވެރިކަން އުފެދިދާނެ ފަދަ ގޮތަކަށް ފަތުރާފައިވާ ވާހަކަތަކެކެވެ. ދައުލަތުގެ އިސްވެރިންނާއި، މުއައްސަސާތަކުގެ އިސްވެރިނާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތަފާތު ލިޔުންތައް ނޫސްތަކުގައި ޝާއިޢުކުރުން ހުއްޓާލުމަށް ދާދިފަހުން ޝަރުޢީ ދާއިރާއިންވެސްވަނީ އަންގަވާފައެވެ. އަދި މިފަދަ ލިޔުންތައްޔިޔެ ޝާއިޢުކުރާ ނޫސްވެރިންނާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ކްރިމިނަލް ކޯޓުން މިމަހުގެ 19 ވަނަ ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.