ސިޔާސީ

އަމީތް ޕީޕިއެމް އިން ވަކިކުރަން ހުށައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، މުޙައްމަދު އަމީތު ޕީޕީއެމް ޕީޖީ ގްރޫޕުންނާއި އެ ޕާޓީން ވަކިކުރުމަށް ޕާޓީގެ ސްލޫކީ ކޮމިޓީއަށް ހުށައަޅައިފިއެވެ. 

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމަށް ހުށައެޅި ވޯޓަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ނިހާން ވިދާޅުވީ، މިގޮތަށް ނިންމީ މިއަދު ހަވީރު ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި މެމްބަރުންގެ އަޣްލަބިއްޔަތުންކަމަށެވެ. ނިހާން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ޕީޖީ ގްރޫޕުގެ މެންބަރުން މިކަމާ މަޝްވަރާކުރުމަށްފަހު، އަމީތުގެ ކިބައިގާ ޕީޖީ ގްރޫޕުގެ މެމްބަރެއްގެ ޝަރުތުތައް ހަމަނުވާތީއާއި ޕީޖީ ގްރޫޕުގެ މެމްބަރުންގެ ކިބައިގާ ހުންނަންޖެހޭ އެކުވެރިކަމާ އެއްބައިވަންތަކަމަށް އަމީތް ބުރޫ އަރުވާފައިވާތީކަމަށެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އަމިތު ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ މަޖިލިސް މެމްބަރަކަށްވެހުރެ ޕާޓީގެ ނިންމުމާ ދެކޮޅަށް މަޖިލީހުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ މަޖިލީހުގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރައްވާފައެވެ.