ޚަބަރު

ހުޅުމާލޭގައި ހުރި ހުސްބިންތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި


ހުޅުމާލޭގައި ހުރި ހުސްބިންތައް ސާފުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ފަށައިފިއެވެ.

އެޗްޑީސީގެ އެޗްއާރ ޑިރެކްޓަރ އަޙްމަދު ފާތިޙް ވިދާޅުވީ، ހުޅުމާލޭގައި މީހުން ދިރިއުޅޭ ނެއިބަރހުޑްތަކާ އިންވެގެން ތަރައްޤީ ނުކޮށްހުރި ހުސްބިންތަކަށް އެސަރަޙައްދުގެ ގޭބީސީތަކުގައި އުޅޭ ބައެއް މީހުން ކުނި އަޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެފަދަ 35 ހުސްބިމެއްގެ ވެރި ފަރާތްތަކަށް އެތަންތަން ސާފުކުރުމަށް މި މަހުގެ ފަންސަވީހުގެ ނިޔަލަށް އެޗްޑީސީން ދިން ފުރުސަތުގައި 17 ފަރާތަކުން ބިން ސާފުކޮށްފައިވާކަމަށް ފާލިހް ވިދާޅުވިއެވެ.  

ބާކީހުރި ބިންތައް 26 ވަނަ ދުވަހުން ފެށިގެން އެޗްޑީސީން ސާފުކުރަމުންއަންނަ ކަމަށާއި، އެޗްޑީސީގެ ފަރާތުން ސާފުކުރާ ބިންތަކުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. ހުޅުމާލެއަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ފަރުދީ ޒިންމާ އަދާކޮށް، ކުނި އުކާލަން ޚާއްސަކޮށްފައިވާ ތަންތަނަށް ކުނި އުކާލުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ.