ޚަބަރު

މަޖިލިސް ރައީސް އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލަ ފާހެއް ނުވި


ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ޢަބްދުﷲ މަސީޙް ވަކިކުރުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހުށައަޅައިގެން، މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓް ސަރުކާރު ހިންގާ ކޯލިޝަނުން ކާމިޔާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ޢަބްދުﷲ މަސީޙް ވަކިކުރުމާމެދު މިއަދުގެ ޖަލްސާގައި ވޯޓް ނެންގެވިއިރު، ތަޅުމުގައި ތިއްބެވީ 50 މެންބަރުންނެވެ. މަޖިލީހުގެ ރައީސްކަމުން ޢަބްދުﷲ މަސީޙް ވަކިކުރަން ނެގި ވޯޓްގައި 48 މެންބަރުން ބައިވެރިވިއިރު، މި 48 މެމްބަރުންވެސް ވަނީ މަސީހާ އެއްކޮޅަށް ވޯޓު ދީފައިވެއެވެ.

ވަކިވަކި މެމްބަރުންނާއި ސުވާލުކޮށްގެން ވޯޓަށް އެހުމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސައިން މަނިކް ހުށައެޅުއްވި ހުށައެޅުން ވަނީ 45 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައެވެ. އެހެންކަމުން ޥޯޓަށް އަހާފައިވަނީ އިލެކްޓްރޯނިކް ވޯޓިންގ ނިޒާމް ބޭނުން ނުކޮށް ރޯލްކޯލް ނުވަތަ ވަކިވަކި މެމްބަރުންނާއި ސުވާލުކުރައްވައިގެންނެވެ. މަޖިލީހުގެ ޤަވާއިދުގެ 165 މާއްދާގައި ބުނެފައިވަނީ، ވަކިވަކިން މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގުމަށް ހުށަހެޅި ތާއީދު ލިބިގެން އެގޮތަށް ފާސްވާ މައްސަލަތަކުގައި ވޯޓު ނަގާނީ ކޮންމެ މެންބަރަކާ ސުވާލުކޮށްގެން، އޭނާ ވޯޓު ދޭން ބޭނުންވާ ގޮތެއް އޮޅުންފިލުވަމުން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އެއްސެވުމުން މަޖިލިސް ތެރޭގައި އިދިކޮޅު މެމްބަރުންގެ އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން މަޖިލިސް މެދުކަނޑާލާފައިވެއެވެ. މަޖިލީހުގެ ރައީސް ޢަބްދު ﷲ މަސީޙް މުޙައްމަދަކީ މިވަގުތު މަޖިލީހުގައި ހުންނެވި އެންމެ ޤާބިލް އެއްބޭފުޅާއެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ތަމްސީލްކުރައްވާ މަސީޙް މަޖިލީހުގެ ރައީސްކަމަށް އައްޔަންކުރައްވާފައިވަނީ، 2014 މެއި 28 ވަނަ ދުވަހު ބޭއްވި ޖަލްސާގައި 43 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރުނެތްކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މަޢުމޫން ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވަމުން މަޖިލީހުގެ ރައީސް ރައީސް ޢަބްދުﷲ މަސީހު ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާ ނުކްތާތަކުގައި އެއްވެސް އަސްލެއް ހަޤީގަތެއް ނެތްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މީހެއްގެ އެގޮތުގައި މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ކުރައްވާފައިވަނީ އެ ދުވަހު ވެސް މެމްބަރުން އެމަނިކުފާނަށް އިތުބާރު ކުރެއްވީމަކަމަށެވެ. އެކަމަށްޓަކައި މިއަދުވެސް މެމްބަރުންނަށް ޝުކުރު ދަންނަވާކަމަށާ، މިއަދާ ހަމައަށް ވެސް މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަށް މަސައްކަތް ކުރައްވާފައިވާކަމަށްވެސް މަސީހު ވިދާޅުވިއެވެ.