ކުޅިވަރު

ފަލަސްތީންގެ ޔޫތް މިނިސްޓަރ ރާއްޖެ ވަޑައިގަންނަވައިފި


ފަލަސްތީންގެ ޔޫތް މިނިސްޓަރ ޖެނެރަލް ޖިބްރިލް ރަޖޫބް މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ. ޗެއަރމަން އޮފް ދަ ފަލަސްޠީނިއަން ހަޔަރ ކައުންސިލް އޮފް ޔޫތް އެންޑް ސްޕޯރޓްސް  ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއާއި، ޑެޕިއުޓީ މިނިސްޓަރ އަބްދުލް މުހުސިން ހަވީދުއާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން ސަރުކާރުގެ ކުޅިވަރު ކޯޕަރޭޝަންގެ އިސްވެރިންނެވެ. 

ޕަލަސްތީންގެ ޔޫތް މިނިސްޓާރ ރާއްޖެއަށް މިކުރެއްވި ދަތުރުފުޅަކީ މާދަމާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީން ވާދަކުރާ މެޗް ބައްލަވާލެވުމަށްޓަކައި ކުރެއްވި ދަތުރުފުޅެއްކަމަށް ޔޫތް މިނިސްޓްރީން މަޢުލުމާތުދެއްވިއެވެ. ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ފަލަސްތީންގެ ޔޫތް މިނިސްޓަރ ޖެނެރަލް ޖިބްރިލް ރަޖޫބްގެ މިދަތުރުފުޅުގައި ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

"އެމަނިކުފާޅުގެ މިދަތުރުފުޅުގައި ކުޅިވަރުގެ ރޮނގުން ދެ ގައުމުގެ މެދުގައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ. ފަލަސްތީނަކީ އަބަދުވެސް ކުޅިވަރުގެ ރޮނގުންނާއި، އެހެނިހެން ގޮތްގޮތުންވެސް ރާއްޖެއަށް އެހީވަމުން އަންނަ ގައުމެއް. ދެ ގައުމުގެ މެދުގައި އޮންނަ ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް ޖެނެރަލް ޖިބްރިލް ރަޖޫބްގެ މިދަތުރުފުޅުގައިވެސް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފަ." ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ފަލަސްތީންގެ ޔޫތް މިނިސްޓަރ ޖެނެރަލް ޖިބްރިލް ރަޖޫބް ރާއްޖެ ވަޑައިގަތުމަށްފަހު ވެލާނާ އިންޓަރ ނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެންމެ ފުރަތަމަވެސް ރާއްޖެއަށް ވަޑައިގަތުމުން ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރުއަދާކުރައްވާކަމަށެވެ. ޖެނެރަލް ޖިބްރިލް ރަޖޫބް ވިދާޅުވީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީން ވާދަކުރާ މެޗު ވަރަށް ފޯރިގަދަވާނެކަން މިހާރުވެސް އެނގިވަޑައިގެންފައިވާ ކަމަށާއި، އެމެޗުގައި ދެ ޓީމްގެ ފަރާތުންވެސް ރީތި މޮޅު ކުޅުމެއް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14906019485402.jpg|ފަލަސްތީންގެ ޔޫތް މިނިސްޓަރ ޖެނެރަލް ރަޖޫބް އަދި ރާއްޖޭގެ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް (ފޮޓޯ: ޕީއެސްއެމް)

"އަޅުގަނޑު ރާއްޖެއައުމުން އަޅުގަނޑަށް ދެންނެވި ހޫނު މަރުހަބާއަށް އެންމެ ފުރަތަމަ ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ފަލަސްތީނާއި ދިވެހިރާއްޖެއަކީ ވަރަށް ކުރިން ސުރެއްވެސް އެކުވެރި ދެ ގައުމު. ސިޔާސީގޮތުންވެސް ދެ ގައުމަކީ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމު. މިއަދު އެންމެ ބޮޑަށް އަޅުގަނޑަށް އެނގުނީ މުސްލިމުންނާއި ދެކޮޅަށް ބަޔަކު މީހުން ކުރާ ހަނގުރާމާގައި ފަލަސްތީން އޮތީ އެކަނި ނޫންކަން. ރާއްޖެއިންވެސް އޮތީ ފަލަސްތީނާ އެކުގަކަން އެނގިގެންގޮސްފި." ފަލަސްތީންގެ ޔޫތް މިނިސްޓާރ ޖެނެރަލް ޖިބްރިލް ރަޖޫބް ވިދާޅުވިއެވެ.

ފަލަސްތީންގެ ޔޫތް މިނިސްޓަރ ޖެނެރަލް ޖިބްރިލް ރަޖޫބަކީ އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ އިތުރުން ފަލަސްތީންގެ އޮމިލްޕިކް ކޮމެޓީގެވެސް ރައީސްއެވެ. އެމަނިކުފާންގެ މިދަތުރުފުޅުގައި މާދަމާ ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީންއާއި ބައްދަލުކުރައްވާނެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރަޢީސް މުހައްމަދު ޝަވީދުއާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖްއާވެސް އެމަނިކުފާން މާދަމާ ބައްދަލުކުރައްވާނެއެވެ.