ޚަބަރު

"އަޅުގަނޑާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި އަސްލެއް ނެތް"


ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލާގައި ފާހަގަކޮށްފައިވާ ނުކްތާތަކުގައި އެއްވެސް އަސްލެއް ހަޤީގަތެއް ނެތްކަމަށް މަޖިލީހުގެ ރައީސް ޢަބްދުﷲ މަސިޙު ވިދާޅުވެއްޖެއެވެ.

މަސީޙު މިހެން ވިދާޅުވީ އޭނާގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހަޅައި، މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި އެމައްސަލައަށް ޖަވާބުދެއްވަމުންނެވެ.  

މަސީޙު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މީހެއްގެ އެގޮތުގައި މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އޭނާ އިންތިޚާބު ކޮށްފައިވަނީ އެ ދުވަހު ވެސް މެމްބަރުން އޭނާއަށް އިތުބާރު ކުރެއްވީމަކަމަށެވެ. އެކަމަށްޓަކައި މިއަދުވެސް މެމްބަރުންނަށް ޝުކުރު ދަންނަވާކަމަށާ، މިއަދާ ހަމައަށް ވެސް މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަށް އޭނާވާނީ މަސައްކަތް ކުރައްވާފައިކަމަށެވެ.

"އިއްޒަތްތެރި މެންބަރުންނާއެކު މަޖިލީހުގެ ރައީސް އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް މިދަނީ އަދާކުރަމުން، އިތުބާރު ނެތް ކަމުގެ މައްސަލާގައި ފާހަގަކޮށްފައިވާ އެއްވެސް އަސްލެއް ނެތް، ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ކަންކަން،" މަސީޙު ވިދާޅުވިއެވެ.

މަސީހު ވަނީ ވޭތުވެދިޔަ ދައުރުތަކުގެ މަޖިލީހުގެ އުފެއްދުންތެރިކަން ހުރީ 98.9 އިންސައްތައިގައިކަން ފާހަގަކުރައްވާފައެވެ. މަޖިލީހަށް ބިލެއް ހުށައެޅުމުން އެޖެންޑާނުކުރައްވައި ނޯންނާނެކަމަށާއި، ބިލެއް ހުށައެޅުމުން ދިރާސާކުރުމަށް މަޖިލީހުގެ ޤަވާއިދުގެ މަތިން ތިން ދުވަސް މެމްބަރުންނަށް އަރުވާކަމަށްވެސް މަސީޙު ވިދާޅުވިއެވެ. އަދި މަޖިލީހުން ކަންކަން ނިންމަނީ މަޖިލީހުގެ އަޣުލަބިއްޔަތުންކަމަށާއި، އެއީ ޑިމޮކްރަސީކަމަށެވެ. އެއްވެސް ބިލަކަށް ބަދަލެއް ގެނައުމުގެ ބާރު މަޖިލީހުގެ ރައީސްއަށް ނޯންނަކަން ފާހަގަކުރައްވައި މަސީޙު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް 380 މައްސަލައެއް ހުށައަޅުއްވާފައިވާއިރު ނުނިމިހުރީ 376 މައްސަލައެއްކަމަށާއި، އެ މައްސަލަތަކާއިމެދު ވަކިގޮތެއް ނިންމެވުމަށް ވޯޓުލުމަށް މިހާތަނަށް މަޖިލީހުގެ ރައީސްއަށް ލިބިފައިވަނީ ދެތިން ފުރުޞަތުކަމަށް ވެސް މަސީޙް ވިދާޅުވިއެވެ.

 މަސިޙު ވިދާޅުވީ، އޭނާ ޢަމަލުކުރައްވާފައިވާނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް، މެމްބަރުންގެ ޢިއްޒަތާއި ކަރާމަތާއި ޝަރަފަށް އުނިކަން އަޔަނުދިނުމަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތްކުރައްވަނީ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެއް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫނެވެ.