ކުޅިވަރު

ލިތުއޭނިއާގެ މައްޗަށް އިންގްލަންޑް ފަސޭޙަ މޮޅެއް ހޯދައިފި


ލިތުއޭނިޔާގެ މައްޗަށް ކުރި ހޯދާ ވަރލްޑް ކަޕް ކޮލިފައިން ގްރޫޕް އެފްގެ އެއްވަނާގައި އިންގްލަންޑްއިން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ އިނގިރޭސި ވިލާތުގެ ވެމްބްލީގައި ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ. ރޭގެ މެޗްގައި އިނގިރޭސި ޓީމަށް ކާމިޔާބުކޮށްދިން ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ގިނަ ދުވަސްތަކަކަށްފަހު އިނގިރޭސި ޤައުމީ ޓީމުން ޖާގަ ހޯދި ޖަރމެއިން ޑެފޯއެވެ. ޑެފޯ އެންމެ ފަހުން އިނގިރޭސި ޤައުމީ ޓީމަށް ކުޅެފައިވަނީ 2013 ވަނަ އަހަރުއެވެ. މިފަހަރުގެ ސްކޮޑުން ޑެފޯއަށް ޖާގަ ލިބިފައިވަނީ ލީގުގައި ސަންޑަރލެންޑުގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުންނެވެ. 

ރޭގެ މެޗްގައި އިނގިރޭސި ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން ނުކުތް ޖެމީ ވާރޑީއެވެ. މިއީ އިނގިރޭސި ކޯޗުކަމާ ގެރެތް ސައުތްގޭޓް ހަވާލުވިފަހުން ވެމްބްލީގައި ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗްގައި އިންގްލަންޑުން ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު ގްރޫޕްގެ އެއްވަނާގައި އޮތީ 13 ޕޮއިންޓާއެކުއެވެ. އެންމެ ކައިރިން ވާދަކުރަމުންދާ ސްލޮވާކިއާ އޮތީ 9 ޕޮއިންޓާއެކު ދެވަނާގައެވެ. ރޭގެ މެޗުން ބަލިވި ލިތުއޭނިއާ އޮތީ 5 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނާގައެވެ.