ޚަބަރު

ރޯގާގެ ހާލަތު އަންނަނީ ރަނގަޅުވަމުން- އެޗްޕީއޭ


މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ އެޗްވަން އެންވަންގެ ޙާލަތު ރަނގަޅުވަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރައްވަމުންދާކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބަލި ޖެހޭ މީހުންގެ ޢަދަދު މަދުވަމުންދާކަމަށް މިބަޔާނުގައިވެއެވެ. އަދި ފްލޫ ކުލިނިކްތަކަށް އަންނަ މީހުންގެ ޢަދަދު މަދުވަމުން އަންނަ ކަމަށާއި، ބައެއް ފްލޫ ކްލިނިކްތައް ބަންދުކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ރޯގާ ފެތުރެން ފެށި ދުވަސްވަރު ދުވާލަކު ހާހަކަށްވުރެ ގިނަ މީހުން މާލެއިން އެކަނިވެސް ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. އެހެންނަމަވެސް މިމަހުގެ ސައުވީސް ވަނަ ދުވަހު ޑޮކްޓަރަށް ދައްކާފައިވާ ޢަދަދު ދަށްވެ، މި ޢަދަދު ދުއިސައްތަ ފަންސާސް ހަތަކަށް ދަށްވެފައިވާކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ އެޗްވަންއެންވަން އަށް ޕޮޒިޓިވްވެގެން މާލޭގައި ފަރުވާދެމުން ދަނީ ސައްބީސް މީހަކަށްކަމަށެވެ. އަދި އަތޮޅު ތެރޭގައި ފަރުވާދެމުންދަނީ ފަސް މީހަކަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ރޯގާ ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަދިވެސް މަސައްކަތް ކުރަމުންދަނީ ލެވެލް ތިނެއްގައިކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި މިއީ ސްކޫލް ބަންދުކުރުމާ ގުޅުމެއް އޮތްކަމެއް ނޫންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ނެރެމުން އަންނަ ތަފާސް ހިސާބުތަކަށް ބަލާއިރު، މާޗުމަހުގެ ތެރޭގައި ފަސް މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި ޖެނުއަރީން ފެށިގެން މިހާތަނަށް ސަތޭކަ އަށްޑިހަ ފަސް މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.