ސިއްހަތު

އައިޖީއެމްއެޗުން ލިބޭ ގިނަ ޚިދުމަތްތައް ހުޅުމާލޭ ހޮސްޕިޓަލުން


ހުޅުމާލޭ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާއިރު، އައިޖީއެމްއެޗުން ލިބެން ހުންނަ ގިނަ ޚިދުމަތްތައް ހުޅުމާލޭ ހޮސްޕިޓަލުންވެސް، ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ހޮސްޕިޓަލް ތަރައްޤީކުރަނީ 150 އެނދުގެ ހޮސްޕިޓަލަކަށެވެ. އަދި އެ ހޮސްޕިޓަލަކީ ކެންސަރު ބައްޔަށް ޚާއްސަ ތަނަކަށް ހައްދަވާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ ޚިދުމަތްތައް ފުޅާކުރެއްވުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެތަން ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން އާސަންދަ ކުންފުންޏާ ޙަވާލުކުރެއްވީ މިދިޔަ އަހަރުއެވެ.

ކެންސަރު ބައްޔަށް ފަރުވާދޭ ތަނަކަށް ހުޅުމާލޭ ހޮސްޕިޓަލް ޚާއްސަކުރައްވާއިރު، އެ ޚިދުމަތް ފެށްޓެވުމަށްޓަކައި ދަނީ މަސައްކަތް ކުރައްވަމުންނެވެ. ހުޅުމާލޭ ހޮސްޕިޓަލް ކެންސަރު ބައްޔަށް ޚާއްޞަ ތަނަކަށް ބަދަލުކުރެއްވުމަށް ނިންމެވީ، ރާއްޖޭގައި ކެންސަރު ބަލީގެ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު، މިބައްޔަށް ފަރުވާ ކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރައްވަންޖެހޭތީ، ރާއްޖެއިން ފަރުވާ ކުރެވޭނެ ގޮތް ހެއްދެވުމަށެވެ.

ހުޅުމާލޭގައި މިހާރު ހުރި ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އާސަންދަ ކޮމްޕެނީން ގެންދަވަނީ، އެހޮސްޕިޓަލުގައި 7 ބުރީގެ އިމާރާތެއް ޤާއިމް ކުރަމުންނެވެ. ޕީއެސްއެމަށް ދެއްވި އިންޓަރވިއުއެއްގައި ހެލްތް މިނިސްޓަރ އަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަށް ބަދަލުވެގެންދާއިރު، އެތަނުން އެމް.އާރް.އައިގެ ޚިދުމަތްވެސް ލިބޭނެ ކަމަށެވެ.

"ހުޅުމާލޭ ހޮސްޕިޓަލް އާސަންދަ ކުންފުންނާ ޙަވާލުކޮށް ހިންގަން ފެށީ މިދިޔަ އަހަރު ނަތީޖާއެއްގެ ގޮތުން ހެޔޮ ބަދަލުތަކެއް އައިސް އެތާނގައި ދަނީ 7 ބުރީގެ ޢިމާރާތެއްވެސް ހަދަމުންނެވެ. އެމްއާރްއައި ފަދަ ޚިދުމަތްތައް ފުޅާވެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެ ވަރަށް އަވަހަށް އެބަދަލު ފެނިގެންދާނެ،'' ހެލްތު މިނިސްޓަރ އަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މިހާރުވެސް ގިނަ ޚިދުމަތްތަކެއް ލިބެން އެބަހުރި. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ލިބެން ނުހުންނަ ބައެއް ޚިދުމަތްތައްވެސް އެތަނުގައި އަންނަނީ ދެމުންނެވެ. އޭގެތެރޭގައި ތުންފަތާއި ތަލީގެ އައިބު ފިލުވާ، ( ކްލެފްޓް ލިޕް / ކްލެފްޓް ޕެލެޓް ) ފަދަ ސާރޖަރީތައް ހިމެނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ދެމުން ގެންދަވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި، ލެބޯޓްރީއާއި، ބްލަޑް ބޭންކިންގެ ޚިދުމަތާއި، އެކްސްރޭއާއި، އަލްޓްރާ ސައުންޑު ސްކޭން ކުރުމުގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން ދަތުގެ ފަރުވާއާއި، ކަށީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތާއި، ލެބޯޓްރީގައި ތެލެސީމިއާ ޓެސްޓުކުރުމުގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުން ދެއްވައެވެ.

ތިރީސްހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭ، ހޮސްޕިޓަލްގެ ޚިދުމަތް ދެއްވަން ފަށްޓަވާފައިވަނީ 7 އޭޕްރީލް 2004 ގައެވެ.