ކުޅިވަރު

ސެމީއަށް ދިއުމަށް ސަޕޯޓަރުންގެ އެހީ ބޭނުން - ލަތީފް


މުބާރާތުގައި ސެމީގެ ޖާގަ ރާއްޖެއަށް އަދިވެސް ނުގެއްލޭ ކަމަށާ ބޭނުންވަނީ ސަޕޯޓަރުންގެ އެހީކަމަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. 

3ވަނަ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީ ބޯލް ޗެންޕިއަންޝިޕްގައި މިއަދު ރާއްޖެ ނިކުންނާނީ ކުޅުނު 2 މެޗްވެސް ކާމިޔާބުކޮށް ތާވަލްގެ 1 ވަނައިގައި  އޮތް ތުރުކުމިނިސްތާނާ ދެކޮޅަށެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ރާއްޖޭގެ ޓީމް މިހާތަނަށް ކުޅެފައިވާ 2 މެޗުން ބަލިވި ނަމަވެސް 2 މެޗްގައި ވާދަވެރި ކުޅުމެއް ދައްކާފައިވާކަމަށެވެ. މިއަދު ތުރުކުމަނިސްތާނާ ދެކޮޅަށް ރާއްޖޭގެ ޓީމް ނިކުންނައިރު އެންމެ ބޮޑަށް ބޭނުންވަނީ ސަޕޯޓަރުންގެ އެހީކަމަށާ 7 ވަނަ ކުޅުންތެރިޔާގެ ސަޕޯޓާއި އެކު ތުރުކުމިނިސްތާންގެ މައްޗަށް ރާއްޖެއަށް ކުރި ހޯދިދާނެކަމަށް ލަތީފް ވިދާޅުވިއެވެ. ތުރުކުމިނިސްތާންއަކީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމު ނަމަވެސް އެޓީމް މައްޗަށް ރާއްޖެއަށް ކާމިޔާބު ހޯދޭނެކަމަށްވެސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.

"ދިވެހިންނަކީ އަބަދުވެސް ގައުމީ ޓީމްތަކަށް ވަރަށް ބޮޑު ތަރުހީބެއް ދެމުން އަންނަ ބައެއް. މިއަދަކީ އެތަރުބީހު ދެ ގުނައަށް ޖައްސަން ޖެހޭ ދުވަސް. މިއަދު ދިވެހި ޓީމަށް ސަޕޯޓާރުންގެ އެހީ ވަރަށް ބޭނުން. މެޗަކުން ބަލިވަމުންދާއިރު، ސަޕޯޓަރުންގެ އެހީއަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިއްވަރެއް، ކުޅުންތެރިންނަށްވެސް އިތުރު ހިއްވަރަކަށް ވެގެންދާނެ." ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14905044403215.jpg|ދިވެހިރާއްޖެއާއި ނޭޕާލް ވާދަކުރި މެޗްގެ ތެރެއިން (ފޮޓޯ: ޕީއެސްއެމް)

މިމުބާރާތުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް 2 މެޗް ކުޅެނުއިރު، ރާއްޖެއަށް މިހާތަނަށް އެއްވެސް ޕޮއިންޓްއެއް ލިބިފައެއް ނުވެއެވެ. ކިރިގިސްތާންއަށް 4 ޕޮއިންޓް ލިބިފައިވާއިރު، ނޭޕާލަށް 3 ޕޮއިންޓް ލިބިފައިވޭ އަދި ތާވަލްގެ އެއްވަނާގައި ތުރުކުމަނިސްތާން އޮތީ 5 ޕޮއިންޓާއި އެކުއެވެ. ލީގު ބުރުގެ އެއްވަނަ ޓީމް ސީދާ ފައިނަލަށް ދަތުރުކުރާއިރު ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ ލީގުގެ ދެވަނައާއި ތިންވަނަ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗަށްފަހުއެވެ. ސެމީ ފައިނަލްގެ ޖާގައެއް ރާއްޖެ ބޭނުންވާނަމަ، މިއަދު ރާއްޖޭގެ ޓީމްއިން ޖެހޭނީ 5 ސެޓަށް ނުގޮސް ތުރުކުމަނިސްތާން ބަލިކުރާށެވެ. އަދި މާދަމާ މިމުބާރާތުގައި ކިރިގިސްތާންއާ ނޭޕާލް ވާދަކުރާ މެޗުން 5 ސެޓަށް ނުގޮސް ކިރިގިސްތާން މޮޅުވެއްޖެނަމަ، ރާއްޖެއާއި ނޭޕާލް ޕޮއިންޓްގެ ގޮތުން އެއްވަރުވާނެއެވެ. އަދި ފައިދާ ސެޓުން ރާއްޖެއަށް ސެމީގެ ޖާގައެއް ލިބިގެންދާނެއެވެ. ރާއްޖެއާއި ތުރުކުމުނިސްތާން މިއަދު ހަވީރު ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަތަރެއް ޖަހާއިރުއެވެ، މިމެޗް ޓީވީއެމުންނާއި  ޔެސްޓީވީން ވަގުތުން ގެނެސްދޭނެއެވެ.